ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ފަށައިގެން ކުރިއަށްގެންދާ ހަނގުރާމަ ތިން ދުވަހަށް މެދުކަނޑާލަން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކިބައިން އެމެރިކާގެ ރައީސް ޖޯ ބައިޑެން އެދިވަޑައިގެންފި އެވެ.
އެމެރިކާ އަދި އިޒްރޭލުގެ އޮފިޝަލުންތަކަކާ ހަވާލާދީ އެމެރިކާގެ މަޝްހޫރު ނޫހެއް ކަމަށްވާ "އެކްސިއޮސް"ގައި ބުނެފައިވާ ގޮތުން ނަތަންޔާހޫގެ ކިބައިން ބައިޑެން މިކަމަށް އެދިވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހު ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. އެގޮތުން ތިން ދުވަހަށް ހަނގުރާމަ މެދުކަނޑާލަން ބައިޑެން ބާރުއަޅުއްވަނީ ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި މީހުން ސަލާމަތް ކުރުމުގެ ބޭނުމުގައި ކަމަށް އެ ނޫހުން ބުނެފައިވެ އެވެ.
އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަނގުރާމަ މެދުކަނޑާލާފައި އޮންނަ ތިން ދުވަސްތެރޭ ހަމާސްގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ ތެރެއިން 15 މީހުން އެ ޖަމާއަތުން ދޫކުރުމާ ގުޅޭގޮތުން އެމެރިކާ އާއި އިޒްރޭލު އަދި ގަތަރުން އަންނަނީ މަޝްވަރާ ކުރަމުންނެވެ. ނަމަވެސް ހަމާސް ޖަމާއަތަށް އިތުބާރު ނުކުރާ ކަމަށާއި އަދި މީހުން ދޫކުރަން ހަމާސް އިން އެއްބަސްވާން ތައްޔާރަށް ތިބި ކަމަށް ގަބޫލުނުކުރާ ކަމަށް ނަތަންޔާހޫ ބައިޑެންގެ ގާތު ވިދާޅުވެފައިވާ ކަމަށް އެ ނޫހުގައިވެ އެވެ.
އިއްޔެ ނޫސްވެރިންނާ ވާހަކަދައްކަވަމުން ބައިޑެން ވަނީ ހަނގުރާމަ މެދުކަނޑާލަން ނަތަންޔާހޫގެ ގާތު ދަންނަވާފައިވާނެކަން ކަށަވަރުކޮށްދެއްވާފަ އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ބައިޑެން ދެއްވާފައެއް ނުވެ އެވެ.
ހަނގުރާމަ މެދުކަނޑާލަން އިޒްރޭލުގެ އެންމެ ގާތް ބައިވެރިޔާ ކަމަށްވާ އެމެރިކާ އިން އެދުނު ނަމަވެސް ނަތަންޔާހޫ އިއްޔެ ގައުމާ މުހާތަބު ކުރައްވަމުން ވަނީ ހަނގުރާމަ ހުއްޓާލާނީ ވެސް އަދި ފަލަސްތީނުގެ ގާޒާ އަށް ތެޔޮ އެތެރެކުރަން ހުއްދަ ދޭނީ ވެސް ހަމާސްގެ ބެލުމުގެ ދަށުގައި ތިބި މީހުން ދޫކޮށްލުމުން ކަމަށް ވިދާޅުވެފަ އެވެ.
"އަހަރުމެންގެ އެކުވެރިންނާއި ދުޝްމަނުންނަށް ވެސް ދަންނަވާލަން ބޭނުން، ރަހީނުކޮށްފައިވާ އަހަރުމެންގެ ރައްޔިތުން އަނބުރާ ގައުމަށް ނުގެނެވެނީސް ހަނގުރާމަ ހުއްޓާނުލެވޭނެ،" ނަތަންޔާހޫ ވިދާޅުވި އެވެ.
މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 10،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. މީގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.