ޓެރަރިޒަމާ ދެކޮޅަށް ރާއްޖޭގައި އުފައްދާފައިވާ ނެޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރު (އެންސީޓީސީ) އަކީ ދިވެހިންނަށް ބިރު ދައްކައިގެން ލާދީނީ ޢަލްމާނީ ސެކިއުލާ ފިކުރުތައް ފަތުރާ ތަނެއް ކަމަށް ޝެއިހް ޝެއިހް އާދަމް ނިޝާން ވިދާޅުވެއްޖެ އެވެ.
އިސްލާމް ދީނާއި ފަލަސްތީނުގެ ދިފާއުގައި ދިވެހިންގެ ބަޔަކު ޖިހާދަށް ދިޔަ ކަމަށް ބުނާ މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް އެ ސެންޓަރުން ބުނުމާ ގުޅިގެން ނިޝާން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އޭނަ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އެންސީޓީސީން ހިންގާ ޕްރޮގްރާމްތަކުގައި ވެސް ލާދިނީ ފީކުރު ފަތުރާ ކަމަށާއި އެތަނުގެ ވެރިން އެފަދަ ވާހަކަތައް ދައްކަވާ ކަމަށެވެ.
އެތަނުގެ ވެރިޔާ ޒަކަރިއްޔާ މަންސޫރު ދައްކަވާފައިވާ ވާހަކަތަކެއްގެ އޯޑިއޯއާ ވެސް ހިއްސާ ކުރައްވައި ނިޝާން ވިދާޅުވީ ދިވެހިންނަށް ބިރު ދައްކައިގެން އެންސީޓީސީން ފަތުރަން ބޭނުންވާ ލާދީނީ ޢަލްމާނީ ސެކިއުލަ ފިކުރުތައް ފަތުރާ އިރު އެކަމށާ ހަނު ނުތިބޭނެ ކަމަށެވެ.
"އެންސީޓީސީގެ ސޯޝަލް މީޑިއާ ޕޯސްޓުތަކުގައި ހުންނާނީ، ހުޅަނގުން އެގޮވާ ޕްރޮޕެގެންޑާ ގޮވެލިފަތި ކަމުގައިވާ ކޯއެގްޒިސްޓެންސްއާއި ޓޮލަރެންސް އާއި އެކްސްޓްރީމިޒަމްއާއި މިފަދަ އެއްޗެހި އަދި "ހަފުތާރެސް"ގެ ނަމުގައި ކުރިޔަށް ގެންދިޔަ ޕްރޮގްރާމަކީ، ހަރުކަށި ފިކުރާއި ދެކޮޅަށްކަމަށް ބުނެ، ސީދާ ލާދީނީ ސެކިއުލަރ ފިކުރު ފަތުރަން ކުރިޔަށް ގެންދިޔަ ފްރޮގްރާމެއް،" ނިޝާން ވިދާޅުވި އެވެ. " މިމީހުން ދުވަހަކުވެސް އެމެރިކާއާއި، ޔަހޫދީ އިލީގަލް ޓެރަރިސްޓު ސްޓޭޓް އިޒްރޭލްއިން ހިންގާ ޓެރަރިޒަމްއާއި އެކްސްޓްރީމިޒަމްގެ ވާހަކަ ނުދައްކާނެ. އެކަމަކު މި ދެބައިގަނޑާ ދެކޮޅަށް ތެދުވެ، ބަސްބުނާ ކޮންމެ މީހަކު ޓެރަރިސްޓަކަށް ހަދައި ލިސްޓަށް އަރުވައި، އެ މީހެއްގެ މައްސަލަ ވަގުތުން ބަލަން ފަށާ."
މެދުއިރުމައްޗަށް ޖިހާދަށް ދިޔަ ބައެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ހޯމަ ދުވަހު އެންސީޓީސީން ބުނީ ޖިހާދަށް އިތުރު ތިން ދިވެއްސަކު ގޮސްފައިވާ ކަމަށް ބުނެ، އެކަމަށް ހިތްވަރު ދީ މީހަކު ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓަކާ ގުޅިގެންނެވެ.