ރަންވީރު ސިންގްއާ އެކީ ހަދަން ނިންމާފައިވާ ޑައިރެކްޓަރު ފަރްހާން އަޚްތަރުގެ ފިލްމު "ޑޮން 3" ގެ ބަތަލާ އަކީ ޕްރިޔަންކާ ޗޯޕްޅާ އަށް ވެދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އޭގެ ބަތަލާއަކަށް ޕްރިޔަންކާ ގެނައުމާ މެދު، ފިލްމުގެ ޓީމުގެ މެދުގައި މަޝްވަރާތަތެއް ކުރެވެމުން އަންނަ ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް އިޝާރާތެއް ފަރުހާންގެ ފަރާތަކުން މިހާތަނަށް ލިބިފައެއް ނުވެ އެވެ. ފާހަގަކޮށްލެވޭ ކަމަކީ ޝާހްރުކް ޚާން ޑޮންގެ ރޯލު ކުޅުނު ފަރުހާންގެ 2006 ގެ "ޑޮން" އާއި 2011 ގެ "ޑޮން 2" ގެ ބަތަލާ އަކީ ޕްރިޔަންކާކަމެވެ.
އެ ދެ ފިލްމުގެ މަސައްކަތްކުރި ދުވަސްވަރު ޝާހްރުކާއި ޕްރިޔަންކާއާ ދެމެދު ސިއްރު ލޯބީގެ ގުޅުމެއް އުފެދުނު ކަމަށް ވަރަށް ބޮޑަށް އަޑުއެރި އެވެެ. އެކަމާ ގުޅިގެން އަންހެނުން ގޯރީ ޚާން ވަނީ ޕްރިޔަންކާއާ އެކީ ދެން މަސައްކަތްކޮށްގެން ނުވާނެ ކަމަށް ބުނެ ޝާހްރުކަށް އިންޒާރު ދީފައި ކަމަށް ވެސް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ހަގީގަތަކީ "ޑޮން" ގެ ދެ ފިލްމަށް ފަހު، އެ ތަރިން އެކީގައި ފަހުން އެއްވެސް މަސައްކަތެއް ނުކުރާކަމާއި ކުރިން އޮތް ގާތްކަން ވެސް ކެނޑިގެން ދިޔަކަމެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ޑޮން 3" އަށް ޕްރިޔަންކާ ގެނައުމުގެ ހިޔާލު އުފެދުނީ، ޝާހްރުކާ ނުލައި ފިލްމު ހަދާތީ، ޕްރިޔަންކާ ވެސް ފިލްމަށް އެއްބަސްވެދާނެ ކަމަށް ބެލެވޭތީ އެވެ. އެކަމަކު ފާހަގަކޮށްލަން ޖެހޭ ކަމަކީ ޕްރިޔަންކާ ވެސް ކާސްޓްގައި ހިމަނައިގެން ފަރުހާން 2021 ގައި އިއުލާންކުރި ރޯޑް-ޓްރިިޕް ފިލްމު "ޖީ ލޭ ޒަރާ" ގެ މަސައްކަތް، ޕްރިޔަންކާ އަށް ވަގުތު ދެވެން ނެތިގެން ނުފެށި އޮތްކަމެވެ. އެ ފިލްމުގެ ކާސްޓްގައި ކެޓްރީނާ ކައިފާއި އާލިއާ ބަޓް ވެސް ހިމެނެ އެވެ.
"ޑޮން 3" ގެ ބަތަލާ އަކީ ޕްރިޔަންކާ ކަމަށް ބުނެ މިހާރު ދެކެވެމުން އަންނަ އިރު، އޭނަ ކުރިން ވެސް ރަންވީރާ އެކީ ދެ ފިލްމެއްގައި މަސައްކަތްކޮށްފައިވެ އެވެ. އެއީ 2014 ގެ "ގުންޑޭ" އާއި 2017 ގެ "ބަޖިރާއޯ މަސްތާނީ" ގަ އެވެ.
"ޑޮން 3" މިދިޔަ އޮގަސްޓް މަހު އިއުލާންކުރުމާ އެކީ މީގެ ބަތަލާ އަކީ ކިއާރާ އަދުވާނީ ކަމަށް ބުނެ އަޑުތަކެއް އެރި އެވެ. އަދި ފަހުން ބަތަލާއަކަށް ވާނީ ކްރިތީ ސެނަން ކަމަށް ވެސް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
އެމެރިކާގައި މިހާރު ދިރިއުޅޭ ޕްރިޔަންކާ އެންމެ ފަހުން ކުޅުނު ބޮލީވުޑްގެ ފިލްމަކީ ފަރުހާން ބަތަލުގެ ރޯލު ކުޅުނު 2019 ގެ "ދަ ސްކައި އިޒް ޕިންކް" އެވެ.