Last Updated: May 2, 14:39
Thursday, May 2, 2024
ޚަބަރު

ފެހުރިހި ހިމާޔަތް ކުރުން ތިމާވެށި ގާނޫނުގެ ދަށަށް

ރާއްޖޭގައި ފެހުރިހި ހިމާޔަތްކޮށް ރައްކާތެރިކުރުން، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށަށް ބަދަލުކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ރައީސް ސޯލިހް މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ރާއްޖޭގައި ފެހުރިހި މިހާރު ހިމާޔަތްކޮށްފައި ވަނީ ދިވެހިރާޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުންނެވެ. ފެހުރިހި ހިމާޔަތްކޮށް ރައްކާތެރިކުރުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށަށް ބަދަލުކުރުމަށް ނިންމަވާފައި ވަނީ ފެހުރިއްސަކީ މަސްވެރިކަމާއި ގުޅުންހުރި ދިރުމެއް ނޫންކަމާއި އަދި ރާއްޖެއާ ދުނިޔޭގެ ފެންވަރުގައިވެސް މަސްވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ މަހެއްނޫންކަމަށްވުމާއެކު ފެހުރިހި އެންމެ ރަނގަޅަށް ރައްކާތެރިކޮށް ދަމަހައްޓާ މެނޭޖްކުރެވެން އޮތީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުންކަމަށް ވަޒީރުންގެ މަޖިލިހަށް ހުށަހެޅި ކަރުދާހުގައި ބަޔާންކުރައްވާފައިވެއެވެ.

ފެހުރިއްސަކީ 2016 ވަނަ އަހަރުގެ ޖުލައި މަހުގައި އިންޓަރނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗަރގެ ރެޑް ލިސްޓް އޮފް ތްރެޓަންޑް ސްޕީޝީސްގައި ނެތި ދިއުމުގެ ބިރުހީވެފައިވާ ދިރުމެއްކަމަށް ކަނޑައަޅާފައިވާ ދިރުމެކެވެ. ހަމަ އެހެންމެ، ފެހުރިއްސަށް ރާއްޖޭގައި ގިނަގުނަ ގެއްލުންތަކެއް ލިބެމުންދާކަން ވެސް މި ކަރުދާހުގައި ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން މި ދިރުން ހިމާޔަތްކުރުމުން، މި ދިރުމަށް ލިބޭ ގެއްލުންތައް މަދުވެ، މާހައުލީގޮތުން ވެސް ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށް ވަޒީރުންގެ މަޖިލީޙަށް ހުށަހެޅި ކަރުދާހުގައި ބުނެފައިވެއެވެ. އަދި ރާއްޖެއަށް ތިމާވެށީގެ ގޮތުންނާއި އިޤްތިސާދީގޮތުން އަދި އިޖުތިމާއީ ގޮތުން ވެސް ގިނަގުނަ ފައިދާތައް ލިބިގެންދާނެކަން ފާހަގަކުރައްވާފައިވެއެވެ.