އެމެރިކާގެ މަޝްހޫރު ޓެނިސް ތަރި ސެރީނާ ވިލިއަމްސް އަށް "ފެޝަން އައިކަން" ގެ އެވޯޑް ދީފި އެވެ.
މިދިޔަ އަހަރު ޓެނިހުން ރިޓަޔާކުރި ސެރީނާ، 42، އަށް އެ އެވޯޑް ކައުންސިލް އޮފް ދަ ފެޝަން ޑިޒައިނާސް އޮފް އެމެރިކާ (ސީއެފްޑީއޭ) އިން ދިނީ ހޯމަ ދުވަހުގެ ރޭ ނިއު ޔޯކްގެ މިއުޒިއަމް އޮފް ނެޗްރަލް ހިސްޓްރީގައި ބޭއްވި ހަފުލާއެއްގަ އެވެ. ސެރީނާ އަށް އެވޯޑް ހަވާލުކޮށް ދިނީ މަޝްހޫރު ސެލެބްރިޓީ ކިމް ކާޑޭޝަން އެވެ.
އެ ހަފުލާގައި ބައިވެރިވި މަޝްހޫރު މީސްމީހުންގެ ތެރޭގައި ފިލްމީ ތަރިން ކަމަށްވާ އެނަ ހެތަވޭ، ވިނިތު ޕަލްޓްރޯ، ޑެމީ މޯގެ އިތުރުން ލަވަކިޔުންތެރިން ކަމަށްވާ މެރީ ޖޭ ބްލީޖް އަދި ވަނެސާ ހަޖެންސް ހިމެނެ އެވެ.
"ފެޝަން އައިކަން" އެވޯޑާ ބެހޭ ގޮތުން 6 އަހަރުގެ އަންހެން ދަރިޔަކު ވެސް ހުރި ސެރީނާ ބުނީ އޭނަ އަކީ އަބަދު ވެސް ފެޝަނަށް ވަރަށް ލޯބިކުރާ މީހެއް ކަމަށާއި ޓެނިސް ތަރިއެއްގެ ހައިސިއްޔަތުން ފެޝަނަށް އަބަދު ވެސް ހާއްސަ ސަމާލުކަމެއް ދެމުން އައި ކަމަށެވެ.
"އެހެންވެ ބުނެވިދާނެ އަހަރެންގެ ރަންވޭ އަކީ ޓެނިސް ކޯޓޭ ވެސް." ޓެނިހުން ބޮޑެތި ކާމިޔާބީއެއް ހޯދާފައިވާ އެތުލީޓް ބުންޏެވެ.
ސެރީނާ ވެފައި ވަނީ ސީއެފްޑީއޭގެ "ފެޝަން އައިކަން" އެވޯޑް ލިބުނު ފުރަތަމަ އެތުލީޓަށެވެ. އޭނަ ވަނީ ފެޝަނުގެ ދާއިރާ އިން ތައުލީމު ވެސް ހާސިލުކޮށްފަ އެވެ. އަދި 2018 ގައި "އެސް" ބައި ސެރީނާ" ގެ ނަމުގައި އަމިއްލަ ފެޝަން ކްލޯތިން ލައިނެއް ވެސް ލޯންޗްކޮށްފައިވެ އެވެ.
ސީއެފްޑީއޭގެ "ފެޝަން އައިކަން" އެވޯޑް ލިބިފައިވާ މީހުންހެ ތެރޭގައި ބަތަލާ ޒެންޑާޔާ އާއި ލަވަކިޔުންތެރިން ކަމަށްވާ ބިޔޯންސޭ އާއި ރިއާނާ ހިމެނެ އެވެ.