ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް މިލިއަން ޑޮލަރުން ޖުރިމަނާކޮށް ކްރިމިނަލް ކޮޓުން ކުރި ހުކުމާ އެއްގޮތަށް އެ ފައިސާ ދައްކާފައިނުވާތީ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ މިވަގުތު ކުރިއަށް ގެންދެވެން ނެތްކަމަށް އެ ކޯޓުން ނިންމައިފިއެވެ.
ވ. އާރަށުގެ މައްސަލަ ރައީސް ޔާމީންގެ މައްޗަށް ސާބިތުވެ ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމުގެ އިތުރުން 5 މިލިއަން ޑޮލަރުން ޖުރިމަނާ ކޮށްފައިވެއެވެ. ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ 6 މަސްދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދެއްކުމަށެވެ. އެހެންނަމަވެސް އެ ފައިސާ ދައްކައިފައިނުވުމުން ބަންޑާރަނައިބުގެ އޮފީހުން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށް އެ އިސްތިއުނާފުގެ އަޑުއެހުންތައް ކުރިއަށްދާ ކަމަށެވެ. އަދި މި އިސްތިއުނާފުގެ ތެރެއިން ހައިކޯޓުގައި، ހުކުމް ތަންފީޒުކުރުން ފަސް ކުރުމުގެ އަމުރަކަށް އެދިފައިވާކަމަށެވެ.
އެގޮތުން ޖުރިމަނާގެ ފައިސާ ހޯދުމުގެ ގޮތުން އެއްވެސް މައްސަލައެއް ކޯޓަށް ހުށަހެޅިފައިވާނަމަ، އެ މައްސަލައެއް ކުރިއަށް ނުގެންދިއުމަށާއި، މި ނޫންގޮތަކުންވެސް ޖުރިމަނާގެ ފައިސާ ހޯދުމަށްޓަކައި މީރާއިން ނުވަތަ ދައުލަތުގެ އެހެންވެސް އިދާރާތަކުން އެއްވެސް މަސައްކަތެއް ނުކުރުމަށް ހައިކޯޓުން އަމުރުކޮށްފައިވާކަން ސިވިލް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ހައިކޯޓުން ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރެފައިވާތީ މި ހިނދު މި މައްސަލަ ކުރިއަށް ގެންދާނެތަނެއް ނެތްކަމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި އޮތްނަމަވެސް އެމަނިކުފާނު މިވަގުތު ހުންނެވީ ރަށު ބަންދަށް ބަދަލުކޮށްފައެވެ.