Last Updated: July 23, 10:58
Thursday, July 23, 2026
ޚަބަރު

ފެނަކައިގައި ކޮރަޕްޝަނެއް ނެތް: ސައީދު

ފެނަކަ ކޯޕަރޭޝަނުގައި ކޮރަޕްޝަނެއް ނެތް ކަމަށާއި އާ ސަރުކާރު ހަވާލުވެގެން ވެސް ފެނަކައިގެ ތެރޭގައި ފިޔަވަޅު އަޅަންޖެހޭ ކަމެއް ނޯންނާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ފެނަކައިން އެ ކުންފުނީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ފެނަކަ އަށް ތުހުމަތުކުރާ ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ސާބިތުވެފައި ނެތް ކަމަށާއި އަދި ޝަރީއަތަށް ވެސް މައްސަލައެއް ފޮނުވާފައި ނުވާ ކަމަށެވެ. އެގޮތުން ކޮރަޕްޝަނަށް ތުހުމަތުކޮށް ހުށަހެޅުނު 70 ޕަސެންޓް މައްސަލަތައް ބަލާ ނިމުނުއިރު ވެސް ފެނަކަ އިން ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އެއްވެސް އަމަލެއް ކޮށްފައިވާކަން ސާބިތުވެފައި ނެތް ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވަނީ އާ ސަރުކާރުން ހަވާލުވެގެން ބެލިޔަސް ފެނަކައިގެ ތެރޭގައި ފިޔަވަޅު އަޅަންޖެހޭ ފަދަ ކަމެއް ނޯންނާނެ ކަމަށާއި ފެނަކަ އިން މަސައްކަތްކޮށްފައި އޮންނާނީ ރާއްޖޭގައި ހެދިފައިވާ ގާނޫނާއި ފެނަކައިން އަމަލުކުރަމުންދާ ޕޮލިސީތަކާ އެއްގޮތަށް ކަމަށް ވިދާޅުވެފަ އެވެ.

"ކަމެއް އުފަންކޮށްގެން ކުރެވިދާނެ ކަމަށް އަޅުގަނޑު ބަލަނީ. އެ ނޫން ކަމެއް ނޯންނާނެ،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މި ސަރުކާރުން ފެނަކައާ ހަވާލުވެފައިވަނީ އެ ކުންފުނީގެ އާމްދަނީ 40 ޕަސަންޓު އިތުރުކޮށްފައި ކަމަށެވެ. އެގޮތުން އާމްދަނީ 40 ޕަސެންޓަށް އިތުރުވީ ރަށްރަށުގެ ގެތަކުގައި ބޭނުންކުރާ ކަރަންޓު ވަސީލަތްތައް ރައްކާތެރިކަމާއެކު ބޭނުން ކުރެވޭނެ ގޮތަށް ފެނަކައިން ކަރަންޓު ފޯރުކޮށްދިނުމުން ކަމަށް ވިދާޅުވި އެވެ. އަދި މި ސަރުކާރު ހަވާލުވިއިރު ފެނަކައިގެ ދަރަނި ހުރީ 1.2 ބިލިއަން ރުފިޔާގައި ކަމަށާއި އަދި މި ފަސް އަހަރު ދަރަންޏަށް އިތުރުވީ 600 މިލިއަން ރުފިޔާ ކަމަށްވެސް ސައީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ފޯކާސްޓު ދައްކާ ގޮތުން 2027 އަހަރު ނިމޭއިރުގަ ފެނަކައަށް ލިބޭ އާމްދަނީން ފެނަކައިގެ ދަރަނި ދައްކަމުން ގޮސްފަ ހަމަ ގާތްގަނޑަކަށް 90 އިންސައްތަ ދަރަނި އަޅުގަނޑުމެންނަށް ހަލާސްކުރެވޭނެ،" ސައީދު ވިދާޅުވި އެވެ.