Last Updated: June 13, 02:24
Saturday, June 13, 2026
ޚަބަރު

ޓެރަރިޒަމްގެ ކުށުގައި އަމީން 27 އަހަރަށް ޖަލަށް

ރާއްޖޭގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ޙަރަކާތްތައް ރާވާ ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާކަމަށް ދައުލަތުން ތުހުމަތުކުރާ މުހައްމަދު އަމީންގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތިވެ 27 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.

ފުވައްމުލަކު، މާދަޑު، ކަރިއްޔާވިލާ އަމީންގެ މައްޗަށް އުފުލި ދައުވާގައި ދައުލަތުން ބުނެފައި ވަނީ އޭނަ އަކީ ރާއްޖޭގައި ހުންނަ ލީޑަރުގެ ގޮތުގައި ހަރަކާތްތެރިވެ، ދީނީ ވަކި ފިކުރެއް ކުރިއަރުވަން މަސައްކަތްކުރާ މީހެއް ކަމަށާއި އަދި ބޭރުގެ ހަނގުރާމަތަކަށް އޭނަ މީހުން ފޮނުވުމަށް ރެކްރޫޓްކުރާ ކަމަށެވެ.

ސިއްރުކޮށްގެން ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި އަމީން 27 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރި އިރު، ބަންދުގައި ހުރި މުއްދަތު އުނިކުރުމަށް ފަހު، އޭނާ ތަންފީޒު ކުރަން ޖެހޭނީ 23 އަހަރާއި، 11 މަހާއި އަދި 9 ދުވަސް ކަމަށް ކޯޓުން ކަނޑައަޅާފައިވެ އެވެ.

އަމީނަކީ 2007 ޕަާއިކުގައި ބޮން އެއްޗެއް ގޮއްވި މައްސަލާގައި ވެސް ތުހުމަތު ކުރެވުނު މީހެކެވެ. އަދި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް އޭނަ ނަން ހިމަނާފައިވެ އެވެ. އަމީނަކީ އެ ލިސްޓުގައި ހިމެނި ފުރަތަމަ ދިވެއްސެވެ.