ފަލަސްތީނުގެ ގާޒާ އަށް އެހީ އިންސާނީ އެހީ ފޯރުކޮށްދޭން ހުޅުވި ރަފާ ބޯޑަރު ބަންދުކޮށްފި އެވެ.
އިޒްރޭލުގެ އެންމެ ގާތް ބައިވެރިޔާ ކަމަށްވާ އެމެރިކާ ބުނީ މިސްރުން ކޮންޓްރޯލް ކުރާ ރަފާހް ސަރަހައްދު ބަންދުކުރީ ސަލާމަތީ ސަބަބުތަކަށްޓަކާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އެއްވެސް އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވާއިރު މިސްރާއި އިޒްރޭލު ގުޅިގެން ރަފާހް ބޯޑަރު އަލުން ހުޅުވަން މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާ އިން ވަނީ ބުނެފަ އެވެ.
ރަފާ ބޯޑަރަކީ ގާޒާ އަށް އިންސާނީ އެހީ ފޯރުކޮށްދޭން އޮތް ހަމައެކަނި މަގެވެ. އިންސާނީ އެހީ ގާޒާ އަށް ފޯރުކޮށްދިނުމުގެ އިތުރުން ރަފާހް ބޯޑަރު ހުރަސްކޮށް ގާޒާގެ ގިނަ ބަޔަކު އަންނަނީ ގައުމުން ބޭރުވުމަށް ވެސް މަސައްކަތް ކުރަމުންނެވެ. އެގޮތުން ފާއިތުވި ދުވަސްތަކުގައި އިޒްރޭލުން ދިން ހަމަލާތަކުގައި އަނިޔާވި ބައެއް މީހުން ވެސް ވަނީ ރަފާހް ބޯޑަރު ހުރަސްކޮށް އިތުރު ފަރުވާ އަށް މިސްރަށް ގެންގޮސްފަ އެވެ. އަދި އިންސާނީ އެހީގެ ގިނަ އަދަދެއްގެ ފައުޖުތައް ވަނީ ރަފާ ބޯޑަރުން ގާޒާ އަށް އެތެރެވެފަ އެވެ.
މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 10،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.