އެމެރިކާގެ މަޝްހޫރު އެޕަލް ކުންފުނީގެ ބާނީންގެ ތެރޭގައި ހިމެނޭ ސްޓީވް ވޮޒްނިއަކްގެ ސިއްހީ ހާލަތު ކުއްލިއަކަށް ގޯސްވުމާ ގުޅިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.
މީޑިއާތަކުން ބުނީ އުމުރުން 73 އަހަރުގެ ސްޓީވްގެ ހާލަތު ކުއްލި ގޮތަކަށް ގޯސްވީ މެކްސިކޯގައި މިހާރު ކުރިއަށްދާ ވޯލްޑް ބިޒްނަސް ފޯރަމްގައި ބައިވެރިވަޑައިގެން އިއްޔެ ތަހުގީރެރެއް ދެއްވާފައި ފައިބައިވަޑައިގަތް ފަހުން ކަމަސެވެ. އެގޮތުން ބޯއަނބުރައި އާހަޔާހިލާފު ގޮތްތަކެއް ވާ ކަމަށް އަނބިކަނބަލުން އަރިހު ވިދާޅުވުމުން އިމަޖެންސީގައި ގެންގޮސް މެކްސިކޯ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށީ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސްޓީވް ހޮސްޕިޓަލަށް ވަޑައިގަންނަވަން އިންކާރުކުރެއްވި އެވެ. އެކަމަކު އެންމެ ފަހުން އެއްބަސްވެވަޑައގަތީ އަނބިކަނބަލުންގެ އާދޭހާ ގުޅިގެންނެވެ.

މިލްކިއްޔާތު 120 މިލިއަން ޑޮލަރަށް އަރާ ސްޓީވްގެ ޑޮކްޓަރުންގެ ޓީމެއް ވެސް މިހާރު ވަނީ އެމެރިކާ އިން މެކްސިކޯ އަށް ވަޑައިގެންފަ އެވެ.
ސްޓީވަކީ 1976 ގައި އެޕަލް ވުޖޫދަށް ގެނައި ތިން ބާނީންގެ ތެރެއިން އެކެކެވެ. އަނެއް ދެ ބާނީންނަކީ ސްޓީވް ޖޮބްސް އާއި ރޮނާލްޑް ވޭން އެވެ. ޖޮބްސް ވަނީ 2011 ގައި އަވަހާރަވެފަ އެވެ.