މި ވަގުތު އެއްވެސް މީހަކާ ލޯބީގެ ގޮތުން ގުޅިގެން ނޫޅޭ ކަމާއި ރޫޓިންގެ ތެރޭގައި މިހާރު ޑޭޓް ކުރުމެއް ވެސް ނެތް ކަމަށް ބޮލީވުޑްގެ ބަތަލާ ސާރާ އަލީ ޚާން ބުނެފި އެވެ.
ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ސްޓްރީމްކުރާ ކަރަން ޖޯހަރްގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ސީޒަންގެ 8 އިން ރޭ ގެނެސްދިން ތިން ވަނަ އެޕިސޯޑްގެ މެހުމާނުންގެ ގޮތުގައި ބަތަލާ އަނަންޔާ ޕާންޑޭއާ އެކީ ބައިވެރިވެ، ސާރާ ވަނީ، އޭނަގެ ލޯބީގެ ގުޅުންތަކާ ބެހޭ ގޮތުން ކަރަން ފެންމަތިކުރި ވަރަށް ގިނަ ސުވާލުތަކަށް ޖަވާބު ދީފަ އެވެ.
އެގޮތުން އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު ބުނީ މި ވަގުތު ހުރީ ހުސްކޮށް ކަމަށާއި ލޯބިވެރިޔަކާ ދޭތެރޭ މާ ބޮޑު ފިކުރެއް ވެސް ނެތް ކަމަށެވެ. ކްރިކެޓް ތަރި ޝުބަމް ގިލްއާ ރައްޓެހިވެގެން އުޅޭ ކަމަށް ވާހަކަ ދެކެވޭތީ އެކަމާ ސުވާލު ކުރުމުން ސާރާ ބުނީ އެއީ މުޅިން އެހެން ސާރާއެއްގެ ވާހަކަ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަރަމުން އަންނަ ޒުވާން ކްރިކެޓް ތަރި ރައްޓެހިވެގެން އުޅެނީ އިންޑިއާގެ ކްރިކެޓް ލެޖެންޑް، ސަޗިން ޓެންޑުލްކަރްގެ ދަރިފުޅު ސާރާ ޓެންޑުލްކަރާ އެވެ. އެހެންވެ ސާރާ އިޝާރާތްކުރީ އެ ސާރާ އަށް ކަމަށް ގަބޫލުކުރެ އެވެ.
ފިލްމު "ލަވް އާޖް ކަލް" ގެ ބަތަލު ކާތިއާ އާރިއާނާ ރައްޓެހިވުމާ ގުޅޭ ގޮތުން ސާރާ ބުނީ ގުޅުމެއް ހިނގި ކަމަށާއި އެކަމަކު މިހާރު އެ ދެ މީހުންނަކީ ހަމައެކަނި ދެ އެކުވެރިން ކަމަށެވެ.
ސާރާއާ އަޅުވާ ކިޔާފައިވާ މީހުންގެ ތެރޭގައި އަކްޝޭ ކުމާރުގެ ފިލްމު "ސްކައި ފޯސް" އިން ތައާރަފުކުރަން ހަމަޖެހިފައިވާ އެކްޓަރު ވީރު ޕަހަރިއާ އާއި 2020 ގައި ދަންޖެހިގެން މަރުވި އެކްޓަރު ސުޝާންތު ސިންގު ރާޖްޕޫތު ހިމެނެ އެވެ. ވީރު އަކީ ޖާންވީ ކަޕޫރްގެ ލޯބިވެރިޔާ ކަމަށް ބުނާ ޝިކާރް ޕަހާރިއާގެ ކޮއްކޮ އެވެ.