Last Updated: May 2, 12:12
Thursday, May 2, 2024
ޚަބަރު

ހިޖުރަކުރާ ދޫނިތައް ނުހިފުމަށް އިލްތިމާސްކޮށްފި

ރާއްޖޭގެ ރަށެއްގެ ގޮނޑުދޮށެއް - ފޮޓޯ : އަވަސް

އިރުވައި މޫސުމުގައި ރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފާ ގެންގުޅުމަކީ މަނާ ކަމެއް ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އީޕީއޭއިން ނެރެފައިވާ ސަރކިއުލާއެއްގައި ބުނެފައިވަނީ އިރުވައި މޫސުމަކީ އެހެނިހެން އަހަރުތަކެކޭ އެއްފަދައިން ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަރަށް ގިނަ ބާވަތްތަކުގެ ދޫނި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރެއް ކަމަށެވެ. އީޕީއޭއިން ބުނެފައިވަނީ މިފަދައިން ހިޖުރަކުރާ ދޫންޏަކީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވައިދުގެ ދަށުން ހިމާޔަތްކުރެވިފައިވާ ދިރުންތަކެއް ކަމަށެވެ.

ރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފާ ގެންގުޅުމަކީ މި ގަވައިދުގެ ދަށުން މަނާ ކަމެއް ކަމަށްވެސް އީޕީއޭއިން ބުނެފައިވެއެވެ.

"ދިވެހިރާއްޖޭގައި ފެންނަ ގިނަ ބާވަތްތަކުގެ ދޫންޏަކީ މިގޮތަށް މޫސުމާއި ގުޅިގެން ރާއްޖެއަށް ހިޖުރަކުރާ ބާވަތްތަކުގެ ދޫންޏެވެ. އެހެންކަމުން މިތަކެތި ރައްކާތެރިކުރުމަކީ ދިވެހިރާއްޖޭގެ ދިރުންތަކުގެ ސިންދަފާރު ނުވަތަ ޤުދުރަތީ ވެށީގެ މުއްސަނދިކަން ރައްކާތެރިކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެކެވެ." އީޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އީޕީއޭއިން ވަނީ މިފަދަ ދޫނިތައް ނުހިފުމަށް އަދި އޭގެ ވިޔަފާރި ނުކުރުމަށްވެސް ގޮވާލާފައެވެ. އަދި އީޕީއޭގެ އެންގެންތަކާއި ޤާނޫނާއި ގަވައިދުތައް ތަންފީޒުކުރުމަށް ހުރިހާ ފަރާތްތަކުން އެއްބާރުލުން ދިނުމަށްވެސް އެދިފައިވެއެވެ.