ޕަލަސްތީނާ ދެކޮޅަށް އިޒްރޭލުން މިހާރު ހިންގަމުންދާ ޖަރީމާތަކާ ހެދި ޔަހޫދީ ދައުލަތަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ބެލްޖިއަމްގެ ބޮޑުވަޒީރުގެ ނައިބު ޕެޓްރާ ޑި ސަޓާ ގޮވާލައްވައިފި އެވެ.
އޭނަ ވިދާޅުވީ ޕަލަސްތީނުގެ ހޮސްޕިޓަލްތަކާއި ރެފިއުޖީ ކޭމްޕް ފަދަ ތަންތަނަށް އިޒްރޭލުން ބޮން އެޅުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށާއި އާންމު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން އިޒްރޭލަށް ދަތިކޮށް، އެ މީހުން ހިންގާ ޖަރީމާތައް ތަހުގީގު ވެސް ކުރަން ޖެހޭ ކަމަށެވެ.
"އެހެންވެ އަހަރެން ގޮވާލަން ބެލްޖިއަމް ސަރުކާރަށް އިޒްރޭލަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެެޅުމަށް،" ޕެޓްރާ ވިދާޅުވި އެވެ. "މިއީ އެފަދަ ފިޔަވަޅުތަކެއް އަހަރެމެން އަޅަންވީ ވަގުތު. އާންމު ތަންތަނަށް ބޮން އެޅުމަކީ އިންސާނިއްޔާތުގެ އެއްވެސް ކަންފުޅެއް ނެތްކަން ދައްކުވައި ދޭ ކަމެއް."
ބެލްޖިއަމްގެ ބޮޑުވަޒީރުގެ ނައިބު ވިދާޅުވީ ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން އިޒްރޭލާ އެކީ ހަދާފައިވާ އޮތް އެއްބަސްވުންތައް ވެސް މިހާރުން މިހާރު އުވައިލަން ޖެހޭ ކަމަށެވެ. އޭނަ ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް އުޅެން ޖެހިފައިވާ ދަތި، ބިރުވެތި ހާތަލާ ގުޅިގެން އެހީ ފޯރުކޮށް ދިނުމާއި ކާނާ އާއި އަސާސީ އެ ނޫން ވެސް ތަކެތި ފަލަސްތީނަށް ފޯރުކޮށް ދޭން ކުރަމުން އަންނަ މަސައްކަތްތަކަށް ވެސް އިޒްރޭލުން ހުރަސް އެޅުމަކީ ހަނގުރާމައި ޖަރީމާތައް ކަމަށެވެ. އެހެންވެ މި މަންޒަރު ބަލަން ނުތިބެ، އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އަޅަން ކެރެން ޖެހޭނެ ކަމަށް ޕެޓްރާ ވިދާޅުވި އެވެ.
މިދިޔަ މަހުގެ 7 އިން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 10،000 އަށް ވުރެ ގިނަ އެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.