ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް ހުއްޓުވައި އެކަން ތަހުގީގުކޮށް ޔަހޫދީ ދައުވަތުގެ ތިން ވެރިއަކު ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ދައުވާކޮށް ދޭން އެދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަލަސްތީންގެ ތިން ޖަމިއްޔާއަކުން އިިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އަށް ހުށަހަޅައިފި އެވެ.
މައްސަލަ ހުށަހެޅި ތިން ޖަމިއްޔާ އަކީ އަލް ހައްގު އާއި އަލް މީޒާންގެ އިތުރުން ފަލަސްތީނިއަން ސެންޓަ ފޮ ހިއުމަންޓް ރައިޓްސް އެވެ. އެ ޖަމާއަތްތަކުން އައިސީސީ އަށް އިއްޔެ ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ އިޒްރޭލުން ދަނީ އެއްވެސް ހަމައެއް ލަމައެއް ނެތި، އެއްވެސް ހަތިރާނެތް ބައެއްގެ ބޮލަށް ބޮން އަޅައި ރޮކެޓާއި އެ ނޫން ވެސް އެތައް ގޮތަކުން ހަމަލާދީ، ޖީލެއް ނައްތައިލަން މަސައްކަތްކުރަމުން ކަމަށެވެ.

ހާއްސަކޮށް ގާޒާގެ ރެފިއުޖީ ކޭމްޕްތައް ފަދަ ތަންތަނަށް ބޮން އަޅައި އާންމުންގެ އެތައް ބަޔަކު ޝަހީދުކުރަމުން ދިއުމަކީ ހަނގުރާމައިގެ ޖަރީމާތައް ކަމަށާއި، އިޒްރޭލުގެ މި ލާއިންސާނީ އަމަލުތަކާ ހެދި ފަލަސްތީނު ރައްޔިތުންގެ އެތައް ހައްގެއް ގެއްލިފައިވާ ކަމަށް ބުނެފައިވެ އެވެ.
އެހެންވެ މި ޖަރީމާތައް ހިންގުމުގައި އެންމެ އިސްކޮށް ތިބި އިޒްރޭލުގެ ވެރިން ކަމަށްވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔޫ އާއި ރައީސް އިސާކް ހަރްޒޯގްގެ އިތުރުން ޑިފެންސް މިނިސްޓަރު ޔޮއާވް ގަލަންތު ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް ތަހުގީގެއް ހިންގުމަށް ވެސް ތިން ޖަމިއްޔާ އިން އައިސީ އަށް ހުށަހެޅި މައްސަލާގައި އެދިފައިވެ އެވެ.

މިދިޔަ މަހުގެ 7 އިން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު 10،500 އަށް ވުރެ ގިނަ އެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.