މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ޝޫޓިން ނިންމި، ޖާންވީ ކަޕޫރާއި ރާޖްކުމާރު ރާއޯގެ ފިލްމު "މިސްޓް މިސިޒް މާހީ" ބެލުންތެރިންނަށް ގެނެސްދޭ ތާރީހު މިއަދު އިއުލާންކޮށްފި އެވެ.
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކުރީ އަންނަ އަހަރުގެ އެޕްރީލް 19 އަށެވެ. ކްރިކެޓް ކުޅޭ ދެމަފިރިއެއްގެ ވާހަކަ ކިޔައިދޭ "މިސްޓަ އެންޑް މިސިޒް މާހީ" އަކީ ޝަރަން ޝަރުމާ ޑައިރެކްޓްކޮށް ގެނެސްދޭ އެއްޗެކެވެ. އޭނަ އަކީ 2020 ގައި ގެނެސްދިން ޖާންވީގެ "ގުންޖަން ސަކްސޭނާ؛ ދަ ކަރްގިލް ގާލް" ގެ ވެސް ޑައިރެކްޓަރެވެ.
އަންނަ އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "މިސްޓަ އެންޑް މިސިޒް މާހީ" އަކީ ޖާންވީ އާއި ރާޖް އެކީގައި ކުޅުނު ދެވަނަ ފިލްމެވެ. މި ދެ ތަރިން އެކީގައި ފެނިގެން ދިޔަ ފުރަތަމަ ފިލްމަކީ ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ލިބިފައި ނުވާ 2021 ގެ ކޮމެޑީ ހޮރޯ "ރޫހީ" އެވެ.
ފާހަގަކޮށްލެވޭ ކަމަކީ "މިސްޓަ އެންޑް މިސިޒް މާހީ" އަކީ ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ ރާޖް، ކަރަންގެ ދަރުމާ އަށް ކުޅުނު ފުރަތަމަ ފިލްމުކަމެވެ.