Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

ގުދުސް ހޮސްޕިޓަލް ހުއްޓުމަކަށް އަންނަން 24 ގަޑިއިރު

ފަލަސްތީނުގެ ގާޒާގެ ދެވަނަ އަށް އެންމެ ބޮޑު ހޮސްޕިޓަލް ހުއްޓުމަކަށް އަންނަން ދެން އޮތީ 24 ގަޑިއިރު ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނެފި އެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނީ އަލް ގުދުސް ހޮސްޕިޓަލަށް ތެޔޮ ބޭނުންކޮށްގެން ކަރަންޓް ދެމުން އަންނަ ޖަނެރޭޓަރު ހުއްޓުމަކަށް އަންނަން ބާކީ ދެން އޮތީ 24 ގަޑިއިރު ކަމަށާއި އެއާއެކު ހޮސްޕިޓަލުގެ ހުރިހާ ހިދުމަތެއް ހުއްޓުމަކަށް އަންނާނެ ކަމަށެވެ. ހޮސްޕިޓަލު ހިމެނޭ ސަރަހައްދުން އިންޓަނެޓުގެ ހިދުމަތް ކަނޑާލާފައިވާތާ ދެ ދުވަސް ވެފައިވާ ކަމަށާއި ކުރިއަށް އޮތީ އުނދަގޫ ނިންމުންތަކެއް ނިންމަންޖެހޭ ވަގުތުތަކެއް ކަމަށް ރެޑް ކްރެސެންޓުން ބުނެ އެވެ.

އިޒްރޭލުގެ ގާޒާ އަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަކުރަމުން އަންނައިރު، ގާޒާގެ ހޮސްޕިޓަލުތަކަށް އަމާޒުކޮށް ހަމަލާތައް ދިނުން ފާއިތުވި ދުވަސްތަކުގައި ވަނީ އިތުރުކޮށްފަ އެވެ. ގާޒާގެ ހޮސްޕިޓަލުތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ތެޔޮ ބޭނުންވާއިރު އިޒްރޭލުން ވަނީ ގާޒާ އަށް ތެޔޮ އެތެރެކުރުން ވެސް މަނާކޮށްފަ އެވެ. ތެޔޮ ހުސްވުމުގެ ސަބަބުން މިހާރު ވެސް ގާޒާގެ 35 ހޮސްޕިޓަލުގެ ތެރެއިން 16 ހޮސްޕިޓަލެއް ވަނީ ބަންދުކޮށްފަ އެވެ. މީގެތެރޭގައި ގާޒާގައި ހިންގާ ހަމައެކަނި ކެންސަރު ހޮސްޕިޓަލު ވެސް ހިމެނެ އެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 10،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. މީގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.