Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

އިޒްރޭލާ ގުޅުން ކަނޑާލަން ސްޕެއިންގެ މިނިސްޓަރަކު ގޮވާލައިފި

އިޒްރޭލާ ސިޔާސީ ގުޅުން ކަނޑާލަން ސްޕެއިންގެ މިނިސްޓަރަކު ގޮވާލައިފި އެވެ.

ސްޕެއިންގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަޥާމުން ސްޕެއިންގެ ސޯޝަލް ރައިޓްސް މިނިސްޓަރު، އިޔޯން ބެލަރާ ވިދާޅުވީ އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލްއާއްމަކީ އަމިއްލަ ދިފާއުގެ ސަލާމަތަށް ކުރާ ކަމެއްގެ ގޮތުގައި ބެލެވެން މިހާރު ނެތް ކަމަށާއި ސްޕެއިންގެ ގިނަ ރައްޔިތުން ބޭނުން ވަނީ މި ގަތުލްއާއްމު ނިންމުމަކަށް ގެންނަން ކަމަށެވެ.

"ހިނގާ އިޒްރޭލާއެކު އޮތް ހުރިހާ ޑިޕްލޮމެޓިކް ގުޅުމެއް އެކީ އެކަށް ކަނޑާލަން." ބެލަރާ ވިދާޅުވި އެވެ.

އިޒްރޭލުން ފަލަސްތީނުގެ ބިންތައް ފޭރިގަނެ، ފަލަސްތީނު ރައްޔިތުން ގެތަކުން ނެރެ ފުރައްސާރަކުރަމުން އަންނަތާ އެތައް ގަރުނެއް ވެފައިވާ ކަމަށާއި މިހާރު ފަލަސްތީނުން ފެންނަމުންދަނީ ބިރުގަންނަންޖެހޭ ވަރުގެ މަންޒަރުތަކެއް ކަމަށް ބެލަރާ ވިދާޅުވި އެވެ. އަދި މިދިޔަ އަހަރު ދުނިޔޭގައި ހިނގި ހުރިހާ ހަނގުރާމައެއްގައި މަރުވާ ނުވާ އަދަދަށް އިޒްރޭލުން އެއް މަސް ދުވަސްތެރޭ އެތައް ސަތޭކަ ކުޑަކުދިންނެއް މަރާލާފައިވާ ކަމަށާއި މިއީ ކުށްވެރިނުކޮށް ތިބެންވީ ވަރުގެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

އިޒްރޭލުން ފަލަސްތީނުގައި ހަނގުރާމަ ފެށި ފަހުން އެގައުމާ ގުޅުން ކަނޑާލާފައިވަނީ ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ބޮލިވީއާ އިން އެކަންޏެވެ. އަދި ބައެއް ގައުމުތަކުން އިޒްރޭލުގައި ތިބި އެގައުމުތަކުގެ ސަފީރުން އަނބުރާ ގައުމަށް ގެނެސްފައިވާއިރު ބަހްރެއިނުން ވަނީ އިޒްރޭލުގެ ސަފީރު އަނބުރާ ގައުމަށް ފޮނުވާލުމުގެ އިތުރުން އިޒްރޭލާއެކު އޮތް އިގްތިސާދީ ގުޅުން ކަނޑާލާފަ އެވެ.