އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ދިން ވައިގެ ހަމަލާއެއްގައި ހަމާސް ޖަމާއަތުން ރަހީނުކޮށްފައި ހުރި އިޒްރޭލު ސިފައިންގެ މީހަކު މަރުވެއްޖެ އެވެ.
ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފި، އަލް ގައްސާމް ބްރިގޭޑުން ނެރުނު ބަޔާނެއްގައި ބުނީ ގާޒާގެ އުތުރުގެ ސަރަހައްދަކަށް އިޒްރޭލުން އިއްޔެ ދިން ވައިގެ ހަމަލާއެއްގައި މަރުވެފައިވަނީ ރަހީނުކޮށްފައި ހުރި އުމުރުން 19 އަހަރުގެ އިޒްރޭލުގެ އަންހެން ސިފައިންގެ މީހެއް ކަމަށެވެ. އަދި މި ހަމަލާގައި ރަހީނުކޮށްފައި ހުރި އިތުރު އިޒްރޭލު ސިފައިންގެ މީހަކަށް ވެސް އަނިޔާވި ކަމަށް ގައްސާމް ބްރިގޭޑުން ބުންޏެވެ.
ހަމާސް ޖަމާއަތުން ނެރުނު ބަޔާނާއި ގުޅިގެން އިޒްރޭލު އަސްކަރިއްޔާ އިން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ހަމާސް ޖަމާއަތުން ރަހީނުކޮށްފައިވާ ބައެއް މީހުން ދޫކޮށްލާ މަތިން ވެސް ހަނގުރާމަ ހުއްޓާލަން އިޒްރޭލުން އަންނަނީ ދެކޮޅު ހަދަމުންނެވެ.
އިޒްރޭލުން މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ވައިގެ މަގުން އަދި އެއްގަމުން ގާޒާ އަށް ހަމަލާތައް ދެމުން އަންނައިރު މި ހަމަލާތަކުގައި ފަލަސްތީނުގެ 10،328 މީހަކު ވަނީ ޝަހީދުވެފަ އެވެ. މީގެތެރޭގައި 4،237 ކުޑަކުދިންނާއި 2719 އަންހެނުން ހިމެނެ އެވެ. އިޒްރޭލުން ދިން ހަމަލާތަކުގެ ރައްދުގައި ހަމާސް އިން ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި އަދަދު މިހާރު ވަނީ 1،600 އާއި ގާތްކޮށްފަ އެވެ.
ހަނގުރާމައިގައި ފަލަސްތީނުން ގިނަ އަދަދެއްގެ ބަޔަކު ޝަހީދުވެފައިވާއިރު 2.3 މިލިއަން މީހުން ދިރިއުޅޭ ގާޒާ ކާބޯތަކެއްޗަށް ޖެހިދާނެ ކަމުގެ ބިރުވެސް ވަނީ ހީވާން ފަށާފަ އެވެ.