Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

ގާޒާގެ ބްލަޑް ބޭންކަށް ބޮން އަޅައިފި

އިޒްރޭލުން ފަލަސްތީނުގެ ގާޒާގެ ބްލަޑް ބޭންކަށް ބޮން އަޅައިފި އެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ ގާޒާގެ މެދުތެރޭގައި ހުންނަ ބްލަޑް ބޭންކަށް ދިން ހަމަލާގެ ސަބަބުން އެތަނުގެ ހިދުމަތް މިހާރު ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. އަދި މިއީ ސީދާ އެތަނަށް އަމާޒުކޮށްގެން އިޒްރޭލުން ދިން ހަމަލާއެއް ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެ އެވެ.

އިޒްރޭލުން އިއްޔެ ވަނީ ގާޒާގެ ކުޑަކުދިންގެ ހޮސްޕިޓަލެއް ހުންނަ ސަރަހައްދަކަށް ވެސް ވައިގެ ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާގެ ސަބަބުން އެ ހޮސްޕިޓަލުގެ ސިއްހީ ހިދުމަތްތައް ހުއްޓިފައިވާއިރު އެ ހޮސްޕިޓަލުގެ މުހިއްމު ޑިޕާޓްމެންޓްތައް ހިންގަން ބޭނުންވާ ވަރަށް ތެޔޮ ވެސް ނެތް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިޒްރޭލުން ފަލަސްތީނުން މުވާސަލާތީ ހިދުމަތް ކަނޑާލުމަށްފަހު އަންނަނީ ހަމަލާތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން ފާއިތުވި ދުވަސްތަކުގައި ހޮސްޕިޓަލުތަކާއި، ސްކޫލްތަކާއި މިސްކިތްތަކުގެ އިތުރުން ރެފިއުޖީ ކޭމްޕުތަކާއި އާންމުން ދިރިއުޅޭ ގެތަކަށް ވެސް ވަނީ ހަމަލާތައް ދީފަ އެވެ. މި ހުރިހާ ހަމަލާތަކެއް ވެސް އިޒްރޭލުން ދެމުން އަންނަނީ ހަމާސް ޖަމާއަތުގެ މީހުން އެ ތަންތަނުގައި ތިބި ކަމަށް ބުނެ އެވެ.

އިޒްރޭލުގެ ޖަރީމާތައް ހުއްޓުވަން ބައިނަލްއަގުވާމީ ދުނިޔެ ނުކުޅެދިފައިވާއިރު ތެޔޮ ހުސްވުމުގެ ސަބަބުން ކަރަންޓު ދެވޭނެ ގޮތެއް ނެތިގެން ގާޒާގެ ގިނަ އަދަދެއްގެ ހޮސްޕިޓަލުތަކެއް ވެސް ވަނީ ބަންދުކޮށްފަ އެވެ. އަދި ގާޒާގެ އެންމެ ބޮޑު ހޮސްޕިޓަލު ކަމަށްވާ އަލް ޝިފާ ހޮސްޕިޓަލާއި ދެވަނަ އަށް އެންމެ ބޮޑު ހޮސްޕިޓަލު، އަލް ގުދުސް ހޮސްޕިޓަލު ވެސް ވަނީ ހުއްޓުމަކަށް އައުމާ ގާތްވެފަ އެވެ.