Last Updated: June 28, 13:55
Sunday, June 28, 2026
ސިޔާސީ

އަދާލަތަކީ ވަރި ގިނަ "އަންހެނެއް": ހުސައިން

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން "ޖަރީމާތައް" ހިންގާ ކަމަށް ބުނެ ސަރުކާރަށް ތާއީދު ކުރުން ހުއްޓާލި އަދާލަތު ޕާޓީ އަކީ "ގިނަ ގިނައިން ވަރިވާ އަންހެނެއް" ގެ ސިފަ ލިބިފައިވާ ބައެއް ކަމަށް ޝައިހު ހުސައިން ރަޝީދު އަހުމަދު ވިދާޅުވެއްޖެ އެވެ.

ކުރިން އެ ޕާޓީގެ ރައީސްކަން ވެސް ކުރެއްވި އަދި މިހާރު އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ހުންނެވި ޝެއިހް ހުސައިން ރާއްޖެ ޓީވީގައި ވިދާޅުވީ އަދާލު ޕާޓީ އަށް "އަދާލަތު" އެ ނަން ދެއްވީ ވެސް އަދި މިއަދާ ހަމައަށް ޕާޓީގެ ރަޖިސްޓްރީ ވެސް އޮތީ އޭނާގެ ގޭގައި ކަމަށެވެ.

އެހެން ނަމަވެސް އޭނާއަށް އަދާލަތު ޕާޓީ ސިފަ ކުރެވެނީ ގިނަ ގިނައިން ވަރިވާ އަންހެނެއްގެ ސިފައިގައި ކަމަށް ވިދާޅުވި އެވެ.

ހިތަދު އަށް ނިސްބަތްވެވަޑައިގަންނަވާ ޝެއިހް ހުސައިން ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު އޮތް ދުވަސްވަރު ބަޔަކު އަދާލަތު ޕާޓީގައި ތިބި ބައެއްގެ ބޮލަށް އެރިގެން އޭނާ ޕާޓީން ވެސް ބޭރުކޮށްލީ ކަމަށެވެ. އަދި އޭރުއްސުރެ އަދާލަތު ޕާޓީގެ ދަނީ ގިނަ ގިނައިން ވަރިވާ އަންހެނެއްގެ އުސޫލުން ކަމަށް ވިދާޅުވި އެވެ.

"އެހެން އުޅޭ ބައެއް އެއީ. ސަރުކާރެއްގައި ހުންނާނެ ނޭދެވޭ ކަންކަން ވެސް ކަމެއް ދިމާވާއިރަށް ފުއްޕަފުއްޕާފައި ދާނީއަކީއެއް ނޫން އެތެރެއިން ނާއިން ބޭރުން ޒިންމާދާރު ގޮތުގައި ކުރަންޖެހޭ ކަންކަން ކުރާނީ" އޭނާ ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ "އަދާލަތު" އޭގެ މާނާގައި އެއީ ރެފްރީއެއް ކަމަށެވެ. އަދި ދަނޑުމަތީގައި ކަމެއް ދިމާވާއިރަށް ކަށިގަނޑު ފުމެފައި ރެފްރީ ދަނޑުން ފައިބައިގެން ނުދާނެ ކަމަށް ވިދާޅުވި އެވެ.

"އަދާލަތަކީ މިހާރު އެއީ ޕާޓީއެއް ނޫން. އެއީ އެެެއިރަކު ހިތަށް އެރި ގޮތަކަށް އުޅޭ ބައެއް. އަޅުގަނޑުގެ ހިތުގައި އެ ޕާޓީގެ އިސްވެރިންނަށް ސިޔާސީ ގޮތުން އެއްވެސް ގަދަރެއް ނެތް،" ޝެއިހް ވިދާޅުވި އެވެ.