Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

އިޒްރޭލުން ގާޒާގެ 59 މިސްކިތެއް ސުންނާފަތިކޮށްލައިފި

އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ދެމުންދާ ވައިގެ ހަމަލާތަކުގައި މިހާތަނަށް 59 މިސްކިތެއް ސުންނާފަތިކޮށްލައިފި އެވެ.

ފަލަސްތީނުގެ އިންޓީރިއާ މިނިސްޓްރީން ބުނީ އިޒްރޭލުން މިދިޔަ ބުދަ ދުވަހު ގާޒާގެ އެކި ހިސާބުތަކަށް ދިން ހަމަލާތަކުގައި ތިން މިސްކިތެއް ސުންނާފަތިކޮށްލާފައިވާ ކަމަށެވެ. އެއާއެކު މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި އިޒްރޭލުން ސުންނާފަތިކޮށްލި މިސްކިތްތަކުގެ އަދަދު ވަނީ 59 އަށް އަރާފަ އެވެ.

އަދި ހަމަލާތަކުގައި 136 މިސްކިތަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާއިރު ތިން ފައްޅިއަކަށް ވެސް މި ހަމަލާތަކުގައި ގެއްލުން ލިބިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އިޒްރޭލުން ފަލަސްތީނުން މުވާސަލާތީ ހިދުމަތް ކަނޑާލުމަށްފަހު އަންނަނީ ހަމަލާތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން ފާއިތުވި ދުވަސްތަކުގައި ހޮސްޕިޓަލުތަކާއި، ސްކޫލްތަކާއި މިސްކިތްތަކުގެ އިތުރުން ރެފިއުޖީ ކޭމްޕުތަކާއި އާންމުން ދިރިއުޅޭ ގެތަކަށް ވެސް ވަނީ ހަމަލާތައް ދީފަ އެވެ. މި ހުރިހާ ހަމަލާތަކެއް ވެސް އިޒްރޭލުން ދެމުން އަންނަނީ ހަމާސް ޖަމާއަތުގެ މީހުން އެ ތަންތަނުގައި ތިބި ކަމަށް ބުނެ އެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާތައް ދެމުން އަންނަތާ މަހެއް ވެފައިވާއިރު މި ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 10،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. މީގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.