އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ ގާޒާ އިން ޝަހީދުވި މީހުންގެ އަދަދު 11،000 އަށް އަރައިފި އެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ މި ހަމަލާތަކުގައި ގާޒާ އިން 11،078 މީހަކު ޝަހީދުވެފައިވާއިރު އޭގެތެރޭގައި 4،506 ކުޑަކުދިން ހިމެނެ އެވެ. އަދި މި ހަމަލާތަކުގައި 25،000 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ގާޒާ އަކީ 2.3 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅެމުން އަންނަ ސިޓީއަކަށްވާ އިރު އދ. އިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާ އިރު ހަނގުރާމައިގެ ސަބަބުން ގާޒާގެ 1.5 މިލިއަން މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފަ އެވެ.
އިޒްރޭލުގެ ގާޒާ އަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަކުރަމުން އަންނައިރު، އިޒްރޭލުން އަންނަނީ އާންމުން ގިނަ އަދަދަކަށް ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށްގެން ހަމަލާތައް ދެމުންނެވެ. އެގޮތުން ހޮސްޕިޓަލުތައް ހުންނަ ސަރަހައްދުތަކާއި ރެފިއުޖީ ކޭމްޕުތަކާއި ސްކޫލްތަކަށް ފާއިތުވި ދުވަސްތަކުގައި އިޒްރޭލުން ވަނީ ހަމަލާތައް އަމާޒުކޮށްފަ އެވެ.
ހަނގުރާމަ ހުއްޓަން ބައެއް ގައުމުތަކުން ގޮވާލި ނަމަވެސް އިޒްރޭލުން އަންނަނީ އެކަމަށް ބީރު ކަންފަތެއް ދެމުންނެވެ.