Last Updated: May 2, 06:02
Thursday, May 2, 2024
ޚަބަރު

ބ. އަތޮޅުގެ އިތުރު ސަރަހައްދުތަކެއް ހިމާޔަތްކޮށްފި

ބ. އަތޮޅުގެ އިތުރު ދެ ސަރަހައްދެއް ހިމާޔަތްކޮށްފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އަލަށް ހިމާޔަތްކުރި ދެ ސަރަހައްދަކީ ބ. އަތޮޅު ނެލިވަރާއި ހުރާފަރު ފިނޮޅު ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި ބ. އަތޮޅަކީ ދުނިޔޭގެ ފެންވަރުގައި އެންމަޑީގެ އެންމެ ބޮޑު އާބާދީއެއް އުޅޭ ތަނަށްވާތީ އެ ދެ ފިނޮޅު ހިމާޔަތްކުރީ އެ ތަކެތި އާލާކޮށް ދިރުމުގެ މަގުސަދުގަ އެވެ. ނެލިވަރު ސަރަހައްދަކީ ބ. ކުންފުނަދޫ އުތުރަށް އޮންނަ އެންމަޑި އެއްވާ ސަރަހައްދެކެވެ. މި ފިނޮޅު އޮންނަ ސަރަހައްދަކީ ރެކޯޑް އަދަދަކަށް ޕްލާންކްޓަންސް އާއި އެންމަޑި އެއްވާ ސަަރަހައްދެކެވެ.

އެގޮތުން 2020 ވަނަ އަހަރުގެ ނިޔަލަށް 119 ފަހަރު 105 އެންމަޑި މި ސަރަހައްދުން ފެނިފައިވާ އިރު، އެއީ އެންމަޑި އާލާވުމާއި ވިހުމަށް މުހިންމު ސަރަހައްދެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން، އެ ސަރަހައްދުގެ އެންމެ ހާއްސަ ސިފައަކަށް ކަމަކީ އެ ތިލައިގައި އެންމަޑި ސާފުކުރުމަށް ބޭނުންވާ "ކްލީނިން ޝްޓޭޝަނެއް" ހުރުމެބެ.

އަދި ނެލިވަރު ފިނޮޅަކީ އައިންމަތީ ދޫނިގެ މުހިންމު މާހައުލެކެވެ.

ހިމާޔަތްކުރި ހަނިފަރު ސަރަހައްދުގެ އުތުރަށް އޮންނަ އެންމަޑީގެ ބޮޑު އާބާދީއެއް ދިރިއުޅޭ ތަނެކެވެ. މި ސަރަހައްދުގައި އެންމަޑީގެ ދިރުންތައް އާލާވެ އެންމަޑީގެ ކާނާ ހޯދުމަށް ފަސޭހަ ހިސާބެއް ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން 2020 ގެ ނިޔަލަށް 436 އެންމަޑި މި ސަރަހައްދުން ފެނިފައިވާއިރު ހުރާފަރު ފިނޮޅަކީ ވެސް އައިންމަތީ ދޫނީގެ މާހައުލެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

ހިމާޔަތްކުރުމާ އެކީ އެ ދެ ސަރަހައްދޔުގައި ކުރުން މަނާ ކަންކަމުގެ ތެރޭގައި އެއްވެސް ދިރުމެއްގެ ބިސް ނެގުމާއި ދިރުންތަކަށް ގޯނާ ކުރުމާއި ބިން ހިއްކުމާއި ފަޅު ހިއްކުން ފަދަ ކަންކަން ހިމެނެ އެވެ.

އަދި، ކަނޑައެޅިފައިވާ އުސޫލުތަކެއްގެ މަތިން ކުރެވޭ ކަންތައްތަކެއް ވެސް މިނިސްޓްރީން ފާހަގަކޮށްފައިެވ އެވެ. އޭގެ ތެރޭގައި ސަރަހައްދަށް ކަނޑައަޅާފައިވާ ވަކި ވަގުތެއްގައި ފަތުރުވެރިންނާއި އާންމުން ޒިޔާރަތްކުރުމާއި ތިމާވެއްޓާއި ރައްޓެހި ފަތުރުވެރިކަމުގެ މަސައްކަތެއް ކުރުމާއި ދިރާސާކުރުމުގެ އިތުރުން ރިހެބިލިޓޭޝަނަށް މަސައްކަތް ކުރުން ހިމެނެ އެވެ.