Last Updated: June 14, 18:18
Sunday, June 14, 2026
ޚަބަރު

ގައުމުގެ ހަމަޖެހުމަށް އެކަތިގަނޑަކަށް ވާން ޖެހޭ

ރާއްޖެ އަށް ހަމަޖެހުން ބޭނުންވާ ކަމަށާއި އެކަމަށް ބޭނުން ވަނީ އެންމެންް އެކަތިގަނޑަކަށްވުން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައްޔިތުންނަށް ފޮނުވަން ދެއްވި ވީޑިއޯ މެސެޖެއްގަ އެވެ. އެ މެސެޖްގައި މުއިއްޒު ވިދާޅުވީ ގައުމު ކުރިއަރާނީ ވެސް އެންމެން އެކަތިގަނޑަކަށްވެގެން ކަމަށެވެ.

"އެހެންވީމާ މި ގޮތުގައި ކުރިއަށް ދިއުމަށް ހުރިހާ ބޭފުޅުންނަށް މި ދުވަހުގެ ތަހުނިޔާ އަރިސްކުރަމުން ދަންނަވަން." އެ މަނިކުފާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ޖުމްހޫރީ ވެރިކަމުގެ ފޮނި މީރުކަން ވެސް ރައްޔިތުންނަށް ލިބޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެން އެކީގައި މަސައްކަތް ކުރެވިގެން ކަމަށެވެ. އަދި މިއަދާ ހަމައަށް ޖުމްހޫރީ ވެރިކަން ގެނެސްދެއްވުމަށް މަސައްކަތްކުރެއްވި ހުރިހާ ރައީސުންނާއި ފާއިތުވި ސަރުކާރުތަކުގައި ކެބިނެޓުގައި މަސައްކަތްކުރެއްވި ވަޒީރުންނާއި، ވިޔަފާރިވެރިންނާއި، ސިޔާސީ ޕާޓީތަކުގެ ވެރިން ހިމެނޭހެން ޖުމްލަކޮށް ރާއްޖެ ޖުމްހޫރީ ވެރިކަމެއްގެ ގޮތުގައި މިހާ ހިސާބަށް ގެނެސްދެއްވުމުގައި ޝާމިލުވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

މުއިއްޒު ރައީސްކަމުގެ ހުވާކުރައްވަން ހަމަޖެހިފައި ވަނީ މި މަހުގެ ކުރިއަށް އޮތް ހުކުރު ދުވަހު އެވެ.