Last Updated: June 13, 02:24
Saturday, June 13, 2026
ޚަބަރު

މުއިއްޒުގެ ހުވާ އަށް މޯދީ އަންނަން ގޮތެއް ނުނިންމާ

ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް އިންޑިއާ އިން ވަޑައިގަންނަވާނެ ބޭފުޅަކު އަދި ނުނިންމާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.

އަންނަ ހުކުރު ދުވަހު ބާއްވާ އެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް މިދިޔަ ހަފުތާގައި ދައުވަތު ފޮނުވާފައިވެ އެވެ.

އެކަމާ ގުޅިގެން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު އަރިންދަމް ބަގްޗީ މީޑިއާތަކަށް ވިދާޅުވެފައި ވަނީ ބޮޑުވަޒީރަށް ދައުވަތު ލިބިވަޑައިގަތް ނަމަވެސް، ހުވާގެ ރަސްމިއްޔާތެއް ވަޑައިގަންނަވާނެ ބޭފުޅަކު އަދި ނުނިންމާ ކަމަށެވެ. އެކަމަކު ވަޑައިގަންނަވާނެ ބޭފުޅަކު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މި މަހުގެ 17 އަށް ދައުރު ހަމަވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނޮވެމްބަރު 17، 2018 ގައި ވެރިކަމުގެ ހުވާކުރެއްވި ރަސްމިއްޔާތުގައި މޯދީ ބައިވެރިވެވަޑައިގެންނެވި އެވެ.

އިންޑިއާ އަކީ ރާއްޖެއާ އެންމެ ގާތް ގުޅުމެއް އޮންނަ އެއް ގައުމެވެ.

ސެޕްޓެމްބަރު މަހުގެ 30 ގައި ބޭއްވި އިންތިހާބު މުއިއްޒު ކާމިޔާބުކުރެއްވުމާ ގުޅިގެން މޯދީ ޓްވީޓް ކުރައްވައި، މުއިއްޒަށް މަރުހަބާ ވިދާޅުވި އެވެ. އަދި އާ ސަރުކާރާ އެކީ ވެސް ދެ ގައުމުގެ ގުޅުން ބަދަހިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.

ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު، މުއިއްޒު އެންމެ ފުރަތަމަ ކުރައްވަން ހަމަޖެހިފައިވާ އެއް ކަމަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލުމެވެ. މި މައްސަލަ އަކީ މުއިއްޒު ނިސްބަތްވާ ޕީޕީއެމް/ޕީއެންސީން "އިންޑިއާ އައުޓް" ގެ ނަމުގައި ބޮޑު ކެމްޕޭނެއް ހިންގާފައިވާ ކަމެކެވެ.