އިންޑިއާގެ މަޝްހޫރު ޑާންސް ޝޯ "ޖަލަކް ދިކްލާ ޖާ" ގެ 11 ވަނަ ސީޒަން މިރޭ ސޮނީ ޓީވީން ޕްރީމިއާކުރަން ނިންމައިފި އެވެ.
ޝޯ ޕްރީމިއާކުރާނީ ރާއްޖެ ގަޑިން 9:00 ގަ އެވެ.
"ޖަލަކް ދިކްލާ ޖާ" އަކީ އިންޑިއާގެ ސެލެބްރިޓީންނާ އެކީ ގެނެސްދޭ ޝޯއެކެވެ. އެގޮތުން މި އާ ސީޒަންގައި ވެސް މަޝްހޫރު އެކިއެކި ފަންނާނުން ހިމެނެ އެވެ. އޭގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކާޖޮލްގެ ކޮއްކޮ ތަނީޝާ މުކަރްޖީ އާއި ޓީވީ ތަރިން ކަމަށްވާ ވިވެކް ދަހިޔާ، އާމިރު އަލީ ޝިވާންގީ، އަންޖަލީ އާނަންދު، ޝިވް، ތާކްރޭ، ޝުއައިބް އިބްރާހީމް، އުރްވަޝީ ދޮލާކިއާ، ކަރޫނާ ޕާންޑޭ، އަދުރިޖާ ސިންހާގެ އިތުރުން ލަވަކިޔުންތެރިޔާ ސްރީރާމާ ޗަންދުރާ އާއި އަންހެން ރެސްލިން ތަރި ސަންގީޕާ ޕޯގަޓް ހިމެނެ އެވެ.
"ޖަލަކް ދިކްލާ ޖާ 11" ގެ ޖަޖުންނަކީ މަޝްހޫރު ކޮރިއޮގްރާފަރު ފަރާ ޚާނާއި މަލައިކާ އަރޯރާގެ އިތުރުން އެކްޓަރު އަރުޝަދު ވަރްސީ އެވެ.
މިދިޔަ އަހަރު ކަލާސް ޓީވީން ގެނެސްދިން "ޖަލަކް ދިކްލާ ޖާ 10" ކާމިޔާބުކުރީ ގުންޖަން ސިންގާ އެވެ. މި ޝޯ ސޮނީ ޓީވީ އަށް މިރޭ މި އަންނަނީ 8 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.