Last Updated: May 3, 23:49
Saturday, May 3, 2025
ޚަބަރު

އެންމެ ބޮޑު ކާމިޔާބީ އަކީ ހަމަޖެހުން ގާއިމުކުރެވުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: ރައީސް އޮފީސް

ވެރިކަމުގެ 5 އަހަރު ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ގައުމުގައި ސުލްހަވެރިކަމާއި ހަމަޖެހުން ގާއިމުކުރެވުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި ރައީސް ސޯލިހް ވިދާޅުވީ މީގެ 5 އަހަރުކުރިން އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބު ކުރިއިރު އޭރު ޤައުމު އޮތް ހާލަތު ވަރަށް ވެސް ތަފާތު ކަމަށެވެ. އޭރު ރައްޔިތުން އެދުނީ މަގުމަތީގައި އޮތް ނާމާންކަމާއި، ހަމަނުޖެހުމާއި، ހަލަބޮލިކަމަށް ހަމަޖެހުމެއް ގެނައުމަށް ކަމަށާއި، އެގޮތުން ކުރެވުނު މަސައްކަތުން އޭރު އޮތް ހާލަތު ލަތު މިހާރު ބަދަލުކުރެވިފައިވާ ކަމަށެވެ.

"ފާއިތުވި ފަސް އަހަރު ޤައުމަށް ގެނެވުނު ހަމަޖެހުމާއި ޞުލްޙަމަސަލަސް ކަމަކީ ލިބުނު އެންމެބޮޑު ކުރިއެރުން. މާލޭގެ މަގުތައް އަމާންކަމާއެކު ބޭއްވުނީ، ގިނަ މަސައްކަތްތަކެއް ސަރުކާރުން ކޮށްގެން. ކުށްކުރާ ގްރޫޕްތަކާއި، ޑްރަގުގެ ވިޔަފާރިއާ ދެކޮޅަށް، އުނދަގޫ އަދި ބުރަ މަސައްކަތްތަކެއް ކުރަންޖެހުނު. މި މަސައްކަތުގައި ފުލުހުންނާއި ސިފައިން އަދާކުރި ދައުރު ބޮޑު." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުހާލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރުކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުތަކާއި، ވެރިކަން ބަދަލުވެގެންދިއުން މިގޮތުގައި ހިނގަމުން ދާތަން ދިވެހި ރައްޔިތުން ދެކޭ ހިތްވާނެކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މަސައްކަތްތެރިންގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނެވިފައިވާ ކަމަށެވެ.

"ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާގެ ފަންނީ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރެވިއްޖެ. އަންނަ 2024 ވަނަ އަހަރުގެ ބަޖެޓް، އަޅުގަނޑުމެން މަޖިލީހަށް ފޮނުވީ، ޖުޑީޝަރީއާއި ސިފައިންނާއި ފުލުހުންނާއި، ސަރުކާރުގެ ދެންތިބި ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ހުށަހަޅާފައި. ރާއްޖޭގެ ހިންގުން ހުރިހާ ދާއިރާއަކުން ލާމަރުކަޒު ކުރުމުގެ ގާނޫނީ ބޮޑު ބަދަލު ގެނައިން. ލާމަރުކަޒީ ނިޒާމުން ޤައުމު ކުރިއަރާނެ މަގު މިހާރު އެވަނީ ފަހިކޮށްފައި. ބާރުތައް އެއްތާކަށް ޖަމާކޮށްގެން ކުރިނާރާކަން، ރާއްޖޭގެ ތާރީޚު ހެކިދޭ. ބާރުތައް ޖަމާކުރާނަމަ، ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ ތަރައްޤީއަށް ހުރަސްއެޅޭނެ. ފެންވަރު ރަނގަޅު ތަޢުލީމާއި، ޞިއްޙީ ފަރުވާއާއި، އިދާރީ ހިންގުން، މި ޖަޒީރާ ޤައުމަށް ހޯދޭނެ އެހެން މަގެއް ނެތް." ރައީސް ސޯލިހް ވިދާޅުވިއެވެ.

އަމިއްލަ ފުދުންތެރިކަން ނެތި، އަމިއްލަވަންތަކަމެއް ނުދެމެހެއްޓޭނެކަން ފާހަގަ ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ އިޤްތިސާދު އަމިއްލަ ފައިމަތީގައި ހިފެހެއްޓުމަކީ، ދިވެހިންގެ އަމިއްލަވަންތަކަން، ޖީލުތަކަށް ވާރުތަކުރުމުގެ އަސާސް ކަމަށެވެ.