Last Updated: May 3, 23:49
Saturday, May 3, 2025
ޚަބަރު

6500 ވުރެ ގިނަ މީހުންނަށް ގޯތީގެ ފަތް ހަވާލުކުރެވިއްޖެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: ރައީސް އޮފީސް

މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ގޯތިީގެ ފަތް 6500 އަށްވުރެއް ގިނަ ފަރާތްތަކަށް ހަވާލު ކުރެވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާޏުގެ ވެރިކަމުގެ ފަސް އަހަރުގައި މާލެއާއި ރަށްރަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްތައް ކުރެވުނު ކަމަށެވެ.

އެގޮތުން ހުޅުމާލެ ފޭސް ތިނަކާ ގުޅީފަޅާ ގިރާވަރު ފަޅު އަދި އުތުރު ތިލަފަޅަކީ މާލެއަށް އޮތް ހައްލުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މާލޭގެ ރައްޔިތުންނަށް ދޫކުރާ 9031 ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން، 6500 ވުރެ ގިނަ ފަރާތަށް ގޯތީގެ ފަތް މިހާރު ހަވާލުކުރެވިފައިވާކަމަށް ވިދާޅުވިއެވެ. އަދި ބޯހިޔާވަހިކަމަށް ހައްލު ހޯދައި ދިނުމަށް، މާލެ ސަރަހައްދުގައި 7700 ފްލެޓް އަދި އަތޮޅުތަކުގައި 2732 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކުރިޔަށް ގެންދެވުނުކަމަށް ވިދާޅުވިއެވެ.

ވެރިކަމުގެ ފަސް އަހަރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑް-19 ކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އެ ހާލަތުގައިވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ އެންމެހައި ކަންކަން ފުރިހަމަކޮށްދީ، ތަރައްޤީގެ މަޝްރޫޢުތައްވެސް ހުއްޓާނުލައި ކުރިޔަށް ގެންދެވުނުކަމަށެވެ. އަދި އެންމެ ފުރަތަމަ އާބާދީގެ އެންމެން ވެކްސިން ފުރިހަމަކުރި މަދުޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުނުކަން ފާހަގަކުރައްވައި، އެންމެ ފުރަތަމަ ބޯޑަރު ހުޅުވާލެވުނު އެއްޤައުމަކަށް ދިވެހިރާއްޖެ ވެގެން ދިޔަކަންވެސް ފާހަގަކުރެއްވިއެވެ.

ގައުމުގެ އިގްތިސާދު ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ މަސައްކަތުގެ ބޮޑު ބައެއް މި ވެރިކަމުގައި ނިންމިފައިވާ ކަމަށާއި، ހަނިމާދޫ އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތްވެސް ހިނގަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއަކީވެސް އިގްތިސާދީ ކުރިއެރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލާ ގުޅިގެން ރާއްޖޭގެ ތިމާވެއްޓަށް ކުރިމަތިވަމުންދާ ނުރައްކަލަކީ ދެބަސްވެވެންނެތް ހަޤީޤަތެއް ކަމަށެވެ. އަދި ތިމާވެށީގެ ކަންކަމުގައި ރާއްޖެއަކީ ދުނިޔޭގެ އިސް ސަފުގައި ބަސްބުނެ ކަންކަން ނިންމުމުގައި މުހިންމު ދައުރެއް އަދާކުރާ ޤައުމަކަށް މިއަދު ވެފައިވާ ކަމަށެވެ.