ކާތިކް އާރިއަން ބަތަލުގެ ރޯލު ކުޅެން ހަމަޖެހިފައިވާ ފިލްމު "އާޝިގީ 3" ގެ ބަތަލާ އަކީ ތާރާ ސުތާރިއާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ ފިލްމުގެ ޕްރޮޑިއިސަރުންގެ ތެރޭގައި ހިމެނޭ ވިޝޭޝް ފިލްމްސްގެ މުކޭޝް ބަޓް ދޮގުކޮށްފި އެވެ.
ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި އޭނަ ބުނީ މިހާތަނަށް ފިލްމަށް ބަތަލާ އަކު ހޯދަން އެއްވެސް މަސައްކަތް ވެސް ނުކުރާ ކަމަށެވެ. އެހެންވެ "އާޝިގީ 3" ތާރާ ނެގި ވާހަކައިގެ އެއްވެސް އަސްލެއް ނެތް ކަމަށް ބުންޏެވެ. މި ފިލްމު އިއުލާންކުރި ފަހުން ބަތަލާގެ ރޯލު އެކި ތަރިންނާ ގުޅުވައިގެން މިހާތަނަށް ދެކެވިފައިވެ އެވެ.
"ބުނަންތަ ވާހަކައެއް އަހަރެމެން އަދި މީގެ ބަތަލާއަކާ ދޭތެރޭ ނުވެސް ވިސްނަން. އާޝިގީ ފްރެންޗައިޒްގައި އަބަދު ވެސް އެންމެ މުހިއްމު އެއްޗަކީ މީގެ މިއުޒިކް،" މުކޭޝް ބުންޏެވެ. "އެހެންވެ ފިލްމުގެ ލަވަތަކުގެ މިއުޒިކް ނިންމާފައި ނޫނީ އަހަރެމެން ފިލްމުގެ ކާސްޓާ ދޭތެރޭ ވިސްނާކަށް ވެސް ބޭނުމެއް. އެކަމަކު ކަން ދިމާކުރި ގޮތުން މާ ކުރިން މި އޮތީ ފިލްމުގެ ބަތަލަކަށް ކާތިކް ހަމަޖެހިފައި."
މުކޭޝް ބުނި ގޮތުގައި އަބަދު ވެސް "އާޝިގީ" ފްރެންޗައިޒްގެ ހަގީގީ ތަރި އަކީ ފިލްމުގެ މިއުޒިކެވެ. އެހެންވެ ކުރީގެ ދެ ފިލްމުން ވެސް ގެނެސްދިން ޖާދުވީ މިއުޒިކް ތިން ވަނަ ބައިން ވެސް ގެނެސްދޭން ބޭނުންވާ ކަމަށް ބުންޏެވެ.
"އާޝިގީ 3" އިއުލާންކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. މީގެ ޑައިރެކްޓަރަކީ "ބަރްފީ" އާއި "މާޑާ" ފަދަ ކާމިިޔާބު ފިލްމުތައް ގެނެސްދިން އަނޫރާގް ބާސޫ އެވެ. އޭނަ މިހާރު އަންނަނީ 2007 ގެ ފިލްމު "ލައިފް އިން އަ…މެޓްރޯ" ގެ ސީކްއެލް "މެޓްރޯ އިންދި ނޯ" ގެ މަސައްކަތްކުރަމުންނެވެ.
ބުޝަން ކުމާރުގެ ޓީ ސީރީޒްއާ ގުޅިގެން ހަދާ ފިލްމާ ބެހޭ ގޮތުން މުކޭޝް ބުނީ "އާޝިގީ 3" ގެ ޝޫޓިން ފަށާނެ އިރެއް މި ވަގުތު ނިންމާފައި ނެތް ކަމަށެވެ. އަދި އޭގެ މަސައްކަތް ފަށާނީ އޭނަ ބޭނުންވި އިރަކުން، ތައްޔާރީތައް ވަރަށް ފުރިހަމަ އަށް ވުމަށް ފަހު ކަމަށް ބުންޏެވެ.
"އާޝިގީ" ގެ ފުރަތަމަ ފިލްމަކީ މުކޭޝްގެ ބޭބެ މަހޭޝް ބަޓް ޑައިރެކްޓްކޮށް 1990 ގައި ގެނެސްދިން ފިލްމެކެވެ. އޭގެ ކާސްޓުންނަކީ ރާހުލް ރޯއި އާއި އަނޫ އަގަރްވާލެވެ. ޝްރަދާ ކަޕޫރާއި އަދިތިޔާ ރޯއި ކަޕޫރާ އެކީ 2013 ގައި "އާޝިގީ 2" ގެނެސްދިނީ ޑައިރެކްޓަރު މޯހިތު ސޫރީ އެވެ.
މި ދެ ފިލްމަކީ ވެސް އެހާމެ ކާމިޔާބު، ދެ ފިލްމުގެ ލަވަތައް ވެސް ވަރަށް ބޮޑަށް މަޝްހޫރުވި ދެ ފިލްމެވެ.