Last Updated: June 18, 17:48
Wednesday, June 18, 2025
ޚަބަރު

އެދެނީ އާ ސަރުކާރަށް ކާމިޔާބީ: ރައީސް

ނޮވެމްބަރު 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރައްވާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ކާމިޔާބީއަށް އެދޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވިދާޅުވީ ވެރިކަމުގެ ހައްޤުތައް އަދާކުރުމުގައި ހަމަހަމަކަމާއެކު އިޖުތިމާއީ އަދާލަތު ޤާއިމުކުރުމަށް މި ފަސް އަހަރު އެމަނިކުފާނު އިސްކަންދީފައިވާނެ ކަމަށެވެ.

އެގޮތުން ރަށްތަކުގެ މެދުގައި އޮތް ޒަމާންވީ ފަރަޤު ކުޑަކުރުމަށް ސަރުކާރުން އިސްކަންދީފައިވާ ކަމަށާއި ޚިދުމަތްތައް ހަމަހަމަކުރެވި، ވަސީލަތްތައް ފުރިހަމަކޮށް، ކޮންމެ ރަށެއްގެ، ކޮންމެ ރައްޔިތެއްގެ މައްޗަށް ސަރުކާރުން އަދާކުރަންޖެހޭ ހައްޤުތަކަށް އިސްކަންދިންކަން ފާހަގަ ކުރެއްވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ މި މަސައްކަތުގައި ފާއިތުވީ ފަސް އަހަރު ސަރުކާރަށް އެއްބާރުލުމާއި އެހީތެރިކަން ދިން ވަރަށް ގިނަ ފަރާތްތައްވާ ކަމަށެވެ. އެގޮތުން ރައީސް ސޯލިހް ވަނީ އެމްޑީޕީގެ ލީޑަރޝިޕާއި، ޕާލިމަންޓަރީ ގްރޫޕާއި އަދި އާންމު މެންބަރުންނަށް ޝުކުރު ދަންނަވާފައެވެ. އަދި ސަރުކާރާއެކު ތިއްބެވި ކޯލިޝަން ޕާޓީތަކުގެ ލީޑަރޝިޕާއި މެންބަރުންނަށާއި، ވަޒީރުންގެ މަޖިލީހާއި އަދި ސަރުކާރާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ މަސައްކަތް ފާހަގަކުރައްވާފައިވެއެވެ. މީގެއިތުރުން ސިފައިންނާއި ފުލުހުން އަދާކުރެއްވި މުހިއްމު ޤައުމީ ވާޖިބުތައް ފާހަގަކޮށް ޝުކުރު އަދާކުރައްވާފައިވެއެވެ.

"އަޅުގަނޑު އެދެނީ، އާ ސަރުކާރަށް ކާމިޔާބީ. ރައްޔިތުންނަށް ޞުލްޙަވެރި އުފާވެރި އަމާން ދުވަސްތަކެއް. ދިވެހި ޤައުމަށް ނަޞްރާއި ނަޞީބާއި ކާމިޔާބު މިންވަރު ކުރެއްވުން." ރައީސް ސޯލިހް ވިދާޅުވިއެވެ.