Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

ސްޕޭސް އެކްސް 2030 ގައި 500 ބިލިއަނަށް

މަހުޖަނު އީލޮން މަސްކްގެ ޖައްވީ ކުންފުނި، ސްޕޭސް އެކްސްގެ ރައުސުލްމާލު 2030 އާ ހަމައަށް އަންނަ އިރު، 500 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުންޏަށް އިންވެސްޓްކޮށްފައިވާ ވިޔަފާރުވެރިޔާ ރޮން ބެރޮން ވިދާޅުވެއްޖެ އެވެ.

ސީއެންބީސީ އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި އޭނަ ވިދާޅުވީ މިހާރު "ސްޓާލިންކް" އިންޓަނެޓްގެ ހިދުމަތް ވެސް ދެމުން އަންނަ ކުންފުނީގެ އަގު ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 300 ބިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ. އަދި މިއާ އެކީ 2030 އާ ހަމައަށް އަންނަ އިރު، ސްޕޭސް އެކްސްގެ އަގު 500 ބިލިއަން ޑޮލަރަށް އަރައި، ކުންފުނި ވަރަށް ކާމިޔާބު ބިޔަ ކުންފުންޏަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

ރޮން އަކީ ސްޕޭސް އެކްސްގެ ބިލިއަން ޑޮލަރުގެ ހިއްސާ ބައްލަވައިގެންފައިވާ ބޭފުޅެކެވެ.

މީގެ 21 އަހަރު ކުރިން 2002 ގައި ވުޖޫދަށް އައި ސްޕޭސް އަކީ މިހާރު 150 ބިލިއަން ޑޮލަރުގެ ކުންފުންޏެކެވެ. އަދި މިއީ ޕްރައިވެޓް ކުންފުނިތަކުގެ ތެރެއިން އެންމެ އަގުހުރި އެއް ކުންފުންޏެވެ.

ސްޕޭސް އެކްސް އަކީ ބިޔަ ސެޓެލައިޓް ވިއުގައާ އެކީ "ސްޓާލިންކް" އިންޓަނެޓް ތައާރަފުކުރުމުގެ އިތުރަށް، ޓޫރިސްޓުންގެ ގޮތުގައި ޖައްވަށް މީހުން ގެންދަން ވެސް މަސައްކަތްކުރާ ކުންފުންޏެކެވެ. މީގެ އިތުރުން ޖައްވީ އެކިއެކި ޕްރޮޖެކްޓްތައް އެތަނުން ހިންގަ އެވެ.

ސްޕޭސް އެކްސްގެ މުވައްޒަފުންގެ އަދަދު 13،000 އަށް ވުރެ ގިނަ އެވެ.

މި އަހަރު ނިމޭ އިރު، އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 9 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާ އިރު، އަންނަ އަހަރުގެ އާމްދަނީ 15 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.