Last Updated: May 3, 23:49
Saturday, May 3, 2025
ޚަބަރު

އޮމާންކަމާއެކު ވެރިކަން ބަދަލުވީ މި ފަހަރު އެކަންޏެއް ނޫން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައީސް މައުމޫން އަބްދުލްގައްޔޫމް- ފޮޓޯ: ރައީސް އޮފީސް

އަމާންކަމާއި އޮމާންކަމާއެކު ވެރިކަން ބަދަލުވީ މިފަހަރު އެކަނި ނޫން ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަފުޅަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ރައްދު ދެއްވައިފިއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި ރައީސް ސޯލިހް ވިދާޅުވީ އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުހާލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރުކަމަށެވެ.

އެ ވާހަކައާ ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއީ ހަމައެކަނި މިފަހަރު ހިނގި ކަމެއް ނޫންކަމަށާއި، 1968 ގެ ފަހުން ރާއްޖޭގެ ވެރިކަން ހުރިހާ ފަހަރަކުވެސް ބަދަލުވަމުން އައިސްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިން އަމާންކަމާއި އޮމާންކަމާ އެކު ކަމަށެވެ.

ޚިތާބުގައި ރައީސް ސޯލިހް ވިދާޅުވީ، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުޙަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރު ކަމަށާއި، މީގެކުރިން އެކަން ހިނގާފައި އޮތީ ވޯޓުން ނުވިއްޔާ، ކޯޓުން ނުވަތަ މަގުމަތިން ކަމަށެވެ.

ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގައި އޮންނަ ރިޔާސީ އިންތިޚާބުތަކާއި، ވެރިކަން ބަދަލުވެގެންދިޔުން މިގޮތުގައި ހިނގަމުންދާތަން ދިވެހިރައްޔިތުން ދެކޭހިތްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި މި ހޯދުނު ކާމިޔާބީތައް ހިފަހައްޓައި، ދަމަހައްޓައި، ޤައުމުގައި އެކަން އަށަގެންނެވުމަކީ، ދެން އަންނަ ހުރިހާ ސަރުކާރުތަކާއި ވެރިންގެ މަސްއޫލިއްޔަތެއް ކަމަށް ވިދާޅުވިއެވެ.