Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

ޝާހްރުކާއި ދަރިފުޅުގެ ފިލްމަކީ "ދަ ކިންގް"

ބޮލީވުޑްގެ ތަރި ޝާހްރުކް ޚާނާއ ދަރިފުޅު ސުހާނާ ޚާން އެކީގައި ކުޅެން ތައްޔާރުވަމުން އަންނަ ފިލްމުގެ ނަމަކީ "ދަ ކިންގް" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި އެކްޝަން ތުރިލާ އަކީ ޖެނުއަރީގައި ރިލީޒްކުރި ޝާހްރުކްގެ "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދާއި ޝާހްރުކްގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓް ގުޅިގެން ހަދާ އެއްޗެކެވެ. އަދި މީގެ ޑައިރެކްޓަރަކީ މިދިޔަ ސެޕްޓެމްބަރު މަހު ނެޓްފްލިކްސް އިން ޕްރީމިއާކުރި ކަރީނާ ކަޕޫރްގެ "ޖާނޭ ޖާ" ގެ ޑައިރެކްޓަރު ސުޖޯއި ގޯޝް އެވެ.

އޭނަ ކުރިން ވެސް ރެޑް ޗިލީޒްގެ ފިލްމެއް ޑައިރެކްޓްކުރި އެވެ. އެއީ އަމީތާބް ބައްޗަނާއި ތާޕްސީ ޕައްނޫ ކުޅުނު 2019 ގެ "ބަދުލާ" އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނި ގޮތުގައި ޝާހްރުކާއި ސުހާނާގެ "ދަ ކިންގް" ގެ ޝޫޓިން މި މަހުގެ ތެރޭގައި ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެކަމަކު މިއާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް އާންމުކޮށްފައެއް ނުވެ އެވެ.

ބައްޕައާ އެކީ ސުހާނާ، 22، ފިލްމަކަށް ތައްޔާރުވާ އިރު އޭނަގެ އެކްޓިން ފެންނާނެ ފުރަތަމަ ފިލްމަކީ އަންނަ މަހުގެ 7 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ "ދި އާޗީސް" އެވެ. ޒޯޔާ އަޚްތަރު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަަރިފުޅު ހުޝީ ކަޕޫރާއި އަމީތާބްގެ ކާފަދަރިފުޅު އަގަސްޓިއާ ނަންދާ ވެސް ތައާރަފުވާ ފިލްމެވެ.

ޝާހްރުކްގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 21 ގައި ރިލީޒްކުރާ "ޑަންކީ" އެވެ. އެކަމަކު މާދަމާ ސިނަމާތަކަށް ދޫކޮށްލާ ސަލްމާން ޚާންގެ "ޓައިގާ 3" ގެ ވަރަށް ހާއްސަ ފެނިލުމަކުން ވެސް އޭނަ ފެންނާނެ އެވެ.