އިޒްރޭލުގެ އުފެއްދުންތައް ބޮއިކޮޓް ކުރަން ގޮވާލާ އިންޑޮނީޝިއާގެ ދީނީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުން ފަތުވާއެއް ނެރެފި އެވެ.
މުސްލިމުންގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ގައުމުގެ ނެޝަނަލް އުލެމާ ކައުންސިލް (އެމްޔޫއައި) އިން ނެރުނު ފަތުވާގައި ބުނެފައިވަނީ އިންޑޮނީޝިއާގައި ތިބި ހުރިހާ މުސްލިމުން ވެސް ފަލަސްތީނަށް ތާއީދުކުރަންޖެހޭ ކަމަށާއި އިޒްރޭލަށް ތާއީދުކުރުމާއި އިޒްރޭލުގެ އުފެއްދުންތައް ބޭނުން ކުރުމަކީ އިސްލާމީ އުސޫލުތަކާ ހިލާފު ކަމެއް ކަމަށެވެ.
އެގޮތުން ހުރިހާ މުސްލިމުން ވެސް ވީ އެންމެ ބޮޑަކަށް އިޒްރޭލުގެ އުފެއްދުންތަކާއި އަދި އިޒްރޭލާއި ގުޅުން ހުރި މީހުންނާއި އިޒްރޭލަށް ތާއީދުކުރާ ފަރާތްތަކުގެ އުފެއްދުންތަކާ ދުރުވުމަށް އެމްޔޫއައި އިން ވަނީ ގޮވާލާފަ އެވެ. އަދި ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ ކުރާ ބަޔަކަށް ތާއީދު ނުކުރެވޭނެ ކަމަށާއި އެމީހުންގެ އުފެއްދުންތައް ބޭނުން ކުރުން ބެލެވޭނީ އިޒްރޭލުން ހިންގާ ޖަރީމާތަކަށް ކުރެވޭ ތާއީދެއްގެ ގޮތުގައި ކަމަށްވެސް ބުނެފައިވެ އެވެ.
އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ގުޅިގެން އެގައުމުގެ އުފެއްދުންތައް ބޭނުން ކުރުން ހުއްޓާލާ ގިނަ ގައުމުތަކެއްގައި އަންނަނީ ކެމްޕޭނެއް ހިންގަމުންނެވެ.
އިޒްރޭލުން ފަލަސްތީނުން މުވާސަލާތީ ހިދުމަތް ކަނޑާލުމަށްފަހު އަންނަނީ ހަމަލާތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން ފާއިތުވި ދުވަސްތަކުގައި ހޮސްޕިޓަލުތަކާއި، ސްކޫލްތަކާއި މިސްކިތްތަކުގެ އިތުރުން ރެފިއުޖީ ކޭމްޕުތަކާއި އާންމުން ދިރިއުޅޭ ގެތަކަށް ވެސް ވަނީ ހަމަލާތައް ދީފަ އެވެ. މި ހުރިހާ ހަމަލާތަކެއް ވެސް އިޒްރޭލުން ދެމުން އަންނަނީ ހަމާސް ޖަމާއަތުގެ މީހުން އެ ތަންތަނުގައި ތިބި ކަމަށް ބުނެ އެވެ.
އިޒްރޭލުން ފަލަސްތީނަށް ހަމަލާތައް ދެމުން އަންނަތާ މަހެއް ވެފައިވާއިރު މި ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 11،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. މީގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.