މިއީ ވާހަކަ މަދުކޮށްފައި އިޒްރޭލަށް ފިޔަވަޅު އަޅަންވީ ވަގުތު ކަމަށް އިރާނުގެ ރައީސް އިބްރާހިމް ރައިސީ ވިދާޅުވެއްޖެ އެވެ.
ސައުދީ އަރަބިއްޔާގައި ކުރިއަށްދާ އަރަބި އަދި އިސްލާމީ ގައުމުތަކުގެ އިސްވެރިންގެ ސަމިޓަށް ފުރާވަޑައިގަތުމުގެ ކުރިން ރައިސީ ވިދާޅުވީ ފަލަސްތީނުގެ ގާޒާގެ ހާލަތު މިއަދު އޮތީ ވާހަކަތަކަށް ވުރެ ބޮޑަށް މުހިއްމު ފިޔަވަޅުތަކަށް ބޭނުންވެފައި ކަމަށާއި މިކަމުގައި މުޅި އިސްލާމީ އުއްމަތް އެކަތިގަނޑަކަށް ވުން މުހިއްމު ކަމަށެވެ.
އަދި ސައުދީގައި މިއަދު ފެށި ސަމިޓުން އިޒްރޭލަށް ރަނގަޅު މެސެޖުތަކެއް ލިބިގެންދާނެ ކަމަށާއި ގާޒާގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭ ބަޔަކީ އެމެރިކާ ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން ހަނގުރާމަ ހުއްޓުވިޔަ ނުދީ ހަނގުރާމަ އިތުރަށް ފުޅާކުރަނީ ވެސް އެމެރިކާ އިން ކަމަށާއި އެމެރިކާގެ ހަގީގީ ސޫރަ މުޅި ދުނިޔެ އަށް ފެންނަންޖެހޭ ކަމަށްވެސް ރައީސީ ވިދާޅުވި އެވެ.
މީގެއިތުރުން ރައީސީ ވަނީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތާއި ފަލަސްތީނުގެ ޒުވާނުން އިޒްރޭލާ ދެކޮޅަށް ކުރަމުންދާ ހިތްވަރަށް ވެސް ޝުކުރު އަދާކުރައްވާފަ އެވެ.
އިޒްރޭލުން ފަލަސްތީނުން މުވާސަލާތީ ހިދުމަތް ކަނޑާލުމަށްފަހު އަންނަނީ ހަމަލާތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން ފާއިތުވި ދުވަސްތަކުގައި ހޮސްޕިޓަލުތަކާއި، ސްކޫލްތަކާއި މިސްކިތްތަކުގެ އިތުރުން ރެފިއުޖީ ކޭމްޕުތަކާއި އާންމުން ދިރިއުޅޭ ގެތަކަށް ވެސް ވަނީ ހަމަލާތައް ދީފަ އެވެ. މި ހުރިހާ ހަމަލާތަކެއް ވެސް އިޒްރޭލުން ދެމުން އަންނަނީ ހަމާސް ޖަމާއަތުގެ މީހުން އެ ތަންތަނުގައި ތިބި ކަމަށް ބުނެ އެވެ.
އިޒްރޭލުން ފަލަސްތީނަށް ހަމަލާތައް ދެމުން އަންނަތާ މަހެއް ވެފައިވާއިރު މި ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 11،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. މީގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.