Last Updated: April 20, 13:37
Saturday, April 20, 2024
ރިޕޯޓް

ނަޝީދު: ނޯބަލް ޕްރައިޒާ ވަރަށް ގާތުގައި!

އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ އަދި ސުލްހައަށް މަސަައްކަތްކުރާ މީހުންގެ މަސައްކަތުގެ އަގުވަޒަންކޮށް ތަފާތު ނަންނަމުގައި އެކި
އެވޯޑުތައް ތައާރަފް ކުރެވިފައިވެ އެވެ. މީގެ ތެރެއިން ހުރިހާ ނަޒަރިއްޔާތަކުން ވެސް އެންމެ ޝަރަފްވެރި އެވޯޑަކީ ނޯބަލް ޕީސް
ޕްރައިޒް އެވެ.

ނޯބަލް ޕީސް ޕްރައިޒް ނުވަތަ ކުރުކޮށް ކިޔާނަމަ ނޯބަލް ސުލްހައިގެ އިނާމު މިހާތަނަށް އެއްވެސް ދިވެއްސަކަށް ލިބިފައެއް ނުވެއެވެ.

ދިވެހިންގެ ތެރޭން މި އެވޯޑް ފުރަތަމަ ހާސިލް ކުރެއްވުން އެންމެ އެކަށީގެން ވަނީ ކެނެރީގޭ މުހައްމަދު ނަޝީދު ކަމަށް އަޅުގަނޑު ކުރި ޓުވީޓަކާ ގުޅިގެން ބައެއް މީހުންގެ ނުރުހުން އަޅުގަނޑަށް ވަނީ އަމާޒުވެފައެވެ.

މިއީ އަޅުގަނޑު ދޭ އެވޯޑެއްތޯ ސުވާލުކުރުމުގެ އިތުރަށް ނޯބަލް ޕްރައިޒަކީ އައްޑޫ ބޮނޑިއަކަށް ކިޔާނަމެއްތޯ އަހައި މަލާމަތްވެސް ކޮށްފައިވެއެވެ.

ނޯބަލް ޕީސް ޕްރައިޒަކީ އަޅުގަނޑު ދޭ އެވޯޑެއް ނޫނެވެ. މި އެވޯޑަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން މިއެވޯޑަށް ނޮމިނޭޓްކުރެވޭ މީހުންގެ ތެރޭން ނޯބަލް ކޮމިޓީން ހޮވާ މީހަކަށް ދެވޭ އެވޯޑެކެވެ. އެވޯޑްދޭނެ ފަރާތް ކަނޑައެޅުމުގެ އިޚުތިޔާރު އޮންނަ ފަސް މެންބަރުންގެ ކޮމިޓީއަކީ ނޯވޭގެ ގާނޫން ހަދާ މަޖިލީހުން އައްޔަންކުރާ ކޮމިޓީއެކެވެ. މި އެވޯޑު ދެނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ ދިހަ ވަނަ ދުވަހު ނޯވޭގެ ވެރިރަށް އޮސްލޯގެ ސިޓީ ހޯލުގައެވެ.

އާއްމު ގޮތެއްގައި މި އެވޯޑަށް ނޮމިނޭޓް ކުރަނީ އޭގެ ކުރީ އަހަރު އެމީހަކު ކޮށްފައިވާ މަސައްކަތްތަކާއި ވެފައިވާ ގުރުބާނީތަކަށް ބަލައިގެންނެވެ.

މި އެވޯޑަށް މީހުން ނޮމިނޭޓްކުރުމުގެ އިޚުތިޔާރު ދީފައިވާ ފަރާތްތަކުގެ ތެރޭގައި ގައުމުތަކުގެ ގާނޫން ހަދާ މަޖިލީސްތަކުގެ މެންބަރުންނާއި ސަރުކާރު ހިންގުމުގައި ޝާމިލްވާ މީހުން ވެސް ހިމެނެއެވެ. ހަމައެޔާއިއެކު ކޯޓް އޮފް އާބިޓްރޭޝަނާއި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ފަނޑިޔާރުންނާއި ޔުނިވަސިޓީތަކުގައި ހިސްޓްރީ، ސޯޝަލް ސައިންސް،
ފިލޯސޮފީ، ލޯ، ތިއޮލޮޖީ ފަދަ މާއްދާތައް ކިޔަވައިދޭ ޕްރޮފެސަރުންނާއި ޔުނިވަސިޓީތަކުގެ ވެރިން ވެސް ހިމެނެއެވެ.

މިހެން ގޮސް ދުނިޔޭގެ ކަމުވޮށިގެންވާ މަގާމުތަކުގައި ތިއްބަވާ އެހެނިހެން ދާއިރާތަކުގެ ބޭފުޅުންނަށް ވެސް މި އިޚުތިޔާރު އޮވެއެވެ. މި ލިސްޓަށް ބަލާއިރު ނޯބަލް ޕީސް ޕްރައިޒަށް މީހަކު ނޮމިނޭޓް ކުރުމުގެ ހައްގު އަޅުގަނޑަކަށް ނެތެވެ.

އެއީ މީން އެއްވެސް ގިންތިއަކަށް އަޅުގަނޑު ނުފެތޭކަމުންނެވެ.

ނޯބަލް ޕީސް ޕްރައިޒް އާއެްމުގޮތެއްގައި ދެއްވާނީ ނޯބަލް ކޮމިޓީގެ ރައީސްގެ ހާޒިރުގައި ނޯވޭގެ ރަސްގެފާނެވެ. މިއަށް ވުރެ ވަކި ބޮޑު
ރަސްމިއްޔާތެއް މުޅި އަހަރު ދުވަހުގެ ތެރޭގައި ވެސް ނޯވޭއަކު ނުބާއްވައެވެ.

މި އެވޯޑު އެކުލެވިގެންވަނީ ދެބަޔަކަށެވެ. އެއީ މެޑެއްޔަކާއި ފައިސާގެ އިނާމެވެ. ގާތްގަޑަކަށް ތިރީހަކަށް ކެރެޓް ރަން ހިމެނޭ މެޑެލް ދިނުމާއި އެކު މިލިއަނެއްހާ އެމެރިކާ ޑޮލަރުވެސް އެމީހަކާ ހަވާލުކުރެވެއެވެ. އެހެންވީމާ ނޯބަލް ޕްރައިޒަކީ އައްޑޫ ބޮނޑިއެއް ނޫންކަން މިކަންކަމުން ކަށަވަރުވެއެވެ.

ކެނެރީގޭ މުހައްމަދު ނަޝީދަށް މިއެވޯޑް ލިބުން އެކަށީގެންވާ ކަމަށް އަޅުގަނޑަށް ލަފާކުރެވެނީ ކީއްވެގެންބާވައެވެ. ސަބަބު ވަރަށް ސާފެވެ.

ނޯބަލް ޕްރައިޒްގެ ފަހުގެ ތާރީޚަށް ބަލާއިރު ގިނައިން މިއެވޯޑު ލިބިފައިވަނީ ޑިމޮކްރަސީއަށްޓަކައި އަދި އިންސާނީ ހައްގުތަކަށްޓަކައި
ވަކާލާތުކުރުމުގެ ސަބަބުން އެމީހަކު ނިސްބަތްވާ ގައުމެއްގެ ސަރުކާރުން އެމީހަކާ ޖައްސާލައި ހުރިހާ ބާވަތެއްގެ ދުއްތުރާކޮށް ޖަލަށްވެސް ލާފައިވާ މީހުންނަށެވެ. ބައެއް ފަހަރަށް މިއެވޯޑު ލިބޭ މީހުން އެވޯޑުގެ ރަސްމިއްޔާތަށް ވެސް ނުދެވި ތިބެނީ ޖަލުގެ ގޮޅިތަކުގައެވެ.

މިފުރުސަތުގައި މީގެ ތެރޭން ފާހަގަކުރެވޭ ބައެއް މީހުންގެ ވަނަވަރު ބަޔާންކޮށްލާނަމެވެ.

ނޯބަލް ޕީސް ޕްރައިޒް 1975 ވަނަ އަހަރު ހާސިލްކުރި އަންދްރޭ ސަޚަރޯފްއަކީ ރަޝިޔާ ނުވަތަ އޭރުގެ ގޮތަށް ނަމަ ސޯވިއެޓް ޔޫނިއަންގައި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ނަމުގައި އެންމެ ފުރަތަމަ ފާޅުކަންބޮޑު ގޮތެއްގައި ނިކުތް އެކްޓިވިސްޓެވެ.

މީގެ ނަތީޖާއެއްގެ ގޮތުން ސޯވިއެޓް ސަރުކާރުން އޭނާއަށް ނުކުރާ ދުއްތުރާތަކެއް ނެތެވެ.

ނޯބަލް ޕީސް ޕްރައިޒް 1980 ވަނަ އަހަރު ހާސިލްކުރި އާޖެންޓީނާގެ އެޑޮލްފޯ ޕެރޭޒް އެސްކުއެލްއަކީ ދެކުނު އެމެރިކާގެ ގައުމުތަކުގައި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކަށް ގޮވާލައި މީހުން ހޭލުންތެރިކުރުވަން އުޅުމުން އާޖެންޓީނާ އާއި ބްރެޒިލް އަދި އިކުއެޑޯ ގައި އެއްފަހަރަށް ވުރެ ގިނައިން ޖަލަށް ލެވިފައިވާ މީހެކެވެ. މިގައުމުތަކުގެ ފުލުހުން ޖަލުގައި އޭނާއަށް ނުކުރާ އަނިޔާއެއް ނެތެވެ.

މި އެވޯޑް 1983 ވަނަ އަހަރު ހާސިލްކުރި ޕޮލެންޑުގެ ލެޚް ވަލޭސާގެ ވަނަވަރަށް ބަލާލިޔަސް ފެންނަނީ ހަމަ މިމަންޒަރެވެ.

އޭރު އޮތް ކޮމިއުނިސްޓް ނިޒާމާ ދެކޮޅަށް ތެދުވެ މަސައްކަތްތެރިންގެ ހައްގުތަކާއި އިންސާނީ ކަރާމާތަށް ވަކާލާތު ކުރުމުގެ ސަބަބުން އޭނާއަށް އޮންނަން ޖެހުނީ ޖަލުގައެވެ.

ޕޮލެންޑުގެ ދައުލަތާއި ދެކޮޅަށް ބަގާވާތް ކުރުމުގެ ދައުވާ އުފުލައި އޭނާގެ މައްޗަށް ޝަރީއަތް ހިންގައި ޖަލަށް ލީކަމުގައި ވިޔަސް ދުނިޔެއިން ބެލީ ވަލޭސާއަކީ ބަތަލެއް ކަމުގައެވެ. އެކަން ގަބޫލުކޮށް އޭނާއަށް ދިނީ ނޯބަލް ޕްރައިޒްއެވެ.

ދެކުނު އެފްރިކާގެ ޑެސްމޮންޑް ޓޫޓޫއަށް 1987ގައި، ބަރުމާގެ އައުސަން ސޫކީއަށް 1991 ގައި، އިރުމަތީ ޓިމޯރުގެ ހޯސޭ ރާމޯސް ހޯޓާ އަށް 1996ގައި، އީރާނުގެ ޝީރީން އިބާދީއަށް 2003 ގައި، ޗައިނާގެ ލިއު ޒިއާބޯއަށް 2010 ގައި މިއެވޯޑް ލިބުނު ގޮތް ބައްލަވާށެވެ.

ހަމަ ހައްތާ ވެސް އެ މީހަކު ނިސްބަތްވި ގައުމެއްގެ ސަރުކާރާ ދެކޮޅަށް ތެދުވެ އިންސާނީ ހައްގޭ ޑިމޮކްރަސީއޭ ކިޔައި ހަލޭލާން ފެށުމުން ސަރުކާރަށް އެކަން ހަޖަމު ނުކުރެވިގެން ކޯޓުތަކާއި ފުލުހުން މެދުވެރިކޮށް ޒާތްޒާތުގެ އަދަބުދިނުން
ފިޔަވައި މިއެވޯޑަށް އެމީހުން ސިލެކްޓުވުމުގެ މާބޮޑު އެހެން ސަބަބެއް ނެތެވެ.

މި އުސޫލަށް ވިސްނާއިރު މިހާރު ރައީސް ނަޝީދާ ދޭތެރޭ ހިންގަމުން އެދާ އަމަލުތަކަކީ ނޯބަލް ޕްރައިޒްއާ ހަމައަށް ވާސިލްވުމަށް ނަޝީދަށް ބޭނުންވާ ޖެޓް ފިއުލް ނޭނގި ތިބެ ނަމަވެސް އޭނާގެ ފްލައިޓަށް އަޅައި ދިނުން ކަމުގައި އަޅުގަނޑަށް ފެނެ އެވެ.

ނަޝީދަށް ނޯބަލް ޕްރައިޒް ލިބޭނެއޭ އަޅުގަނޑު މި ބުނަނީ އެހެންވެގެންނެވެ.