ހަނގުރާމައަށް ފަހު ގާޒާ ކޮންޓްރޯލް ކުރުމުގެ ފުރުސަތު ފަލަސްތީނު ސަރުކާރަށް ނުދޭނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ އިއްޔެ ވާހަކަދައްކަމުން ނަތަންޔާހޫ ވިދާޅުވީ ހަނގުރާމައަށް ފަހު ގާޒާ އަށް ބާރު ހިންގަން ފަލަސްތީނު ސަރުކާރަށް ފުރުސަތު ނުދޭނެ ކަމަށާއި ގާޒާގައި އޮންނަން ޖެހޭނީ ކޮންމެވެސް "އެހެން އެއްޗެއް" ކަމަށެވެ. އިޒްރޭލަށް ނަފްރަތު ކުރުމާއި އިޒްރޭލު ނެތިކޮށްލަން ކުޑަކުދިންނަށް ކިޔަވައިދޭ ބަޔަކަށް ގާޒާ އަށް ބާރު ހިންގަން ފުރުސަތު ނުދޭނެ ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.
މި މައްސަލައިގައި އޭނާ އަށް ޕްރެޝަރު އަންނާނެކަން ވެސް އެނގޭ ކަމަށާއި ނަމަވެސް މިކަމުގައި ފަހަތަށް ނުޖެހޭނެ ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ. އަދި ހަނގުރާމަ އަށް ފަހު ވެސް ގާޒާގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ އިޒްރޭލުން ކަމަށްވެސް ވިދާޅުވި އެވެ.
ނަތަންޔާހޫ މިހެން ވިދާޅުވި އިރު އިޒްރޭލުގެ އެންމެ ގާތް ބައިވެރިޔާ ކަމަށްވާ އެމެރިކާ އިން ވަނީ ހަނގުރާމައަށް ފަހު ގާޒާ އަދި ހުޅަނގު އައްސޭރީގައި ބާރު ހިންގުމުގެ ފުރުސަތު އޮންނަން ޖެހޭނީ ފަލަސްތީނުގެ ސަރުކާރަށް ކަމަށް މީގެކުރިން ބުނެފަ އެވެ.
ގާޒާގައި 2007 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރަމުން އަންނަނީ ހަމާސް ޖަމާއަތުންނެވެ. ހަމާސް އިން ވަނީ ހަނގުރާމަ އަށް ފަހު ގާޒާ އަށް ވެރިވެގަންނަން އިޒްރޭލުން ރާވާ ރޭވުންތަކާ ދެކޮޅުކަން ހާމަކޮށްފަ އެވެ.
މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާ އަށް ވައިގެ ހަމަލާތައް ދެމުން އަންނައިރު މި ހަމަލާތަކުގައި މިހާތަނަށް 11،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.