އިޒްރޭލު ސިފައިންނަށް ހަމަޖެހިލައިގެން ދެން އެންމެ ދުވަހަކު ވެސް ނުތިބެވޭނެ ކަމަށް ހަމާސް ޖަމާއަތުން ބުނެފި އެވެ.
ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފި، އަލް ގައްސާމް ބްރިގޭޑުން ބުނީ އެ ޖަމާއަތުގެ ހަނގުރާމަވެރިން އަންނަނީ އެކި ދިމާލުން އިޒްރޭލު ސިފައިން ސިއްސުވާލަމުން ކަމަށާއި އިޒްރޭލުގެ އަސްކަރީ 160 ވެހިކަލެއް މިހާތަނަށް ހަލާކުކޮށްލާފައިވާ ކަމަށެވެ. އިޒްރޭލަށް ހަމައެކަނި ހާސިލުކުރެވުނު ކަމަކީ މުޅި ދުނިޔެ ކުރިމަތީގައި ލާއިންސާނީ ޖަރީމާތައް ހިންގުން ކަމަށް އެ ޖަމާއަތުން ބުންޏެވެ.
އެ ޖަމާއަތުން ވަނީ އިޒްރޭލު ސިފައިންނަށް ހަމަޖެހިލައިގެން އެންމެ ގަޑިއިރަކު ވެސް އަދި އެންމެ ދުވަހަކު ވެސް ދެން ނުތިބެވޭނެ ކަމަށާއި ހިންގި ޖަރީމާތަކުގެ އަގު އިޒްރޭލުން އަދާކުރަންޖެހޭނެ ކަމަށްވެސް ބުނެފަ އެވެ. އަދި މިއީ އެއްވެސް ހާލެއްގައި އެއްހަމަ ހަނގުރާމައެއް ނޫން ކަމަށާއި ނަމަވެސް އެ ޖަމާއަތް ދެކެ އިޒްރޭލު ބިރުގަނެފައިވާ ކަމަށްވެސް ބުންޏެވެ.
އިޒްރޭލުން ފަލަސްތީނުން މުވާސަލާތީ ހިދުމަތް ކަނޑާލުމަށްފަހު އަންނަނީ ހަމަލާތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން ފާއިތުވި ދުވަސްތަކުގައި ހޮސްޕިޓަލުތަކާއި، ސްކޫލްތަކާއި މިސްކިތްތަކުގެ އިތުރުން ރެފިއުޖީ ކޭމްޕުތަކާއި އާންމުން ދިރިއުޅޭ ގެތަކަށް ވެސް ވަނީ ހަމަލާތައް ދީފަ އެވެ. މި ހުރިހާ ހަމަލާތަކެއް ވެސް އިޒްރޭލުން ދެމުން އަންނަނީ ހަމާސް ޖަމާއަތުގެ މީހުން އެ ތަންތަނުގައި ތިބި ކަމަށް ބުނެ އެވެ.
އިޒްރޭލުން ފަލަސްތީނަށް ހަމަލާތައް ދެމުން އަންނަތާ މަހެއް ވެފައިވާއިރު މި ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 11،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. މީގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.