Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

ދަރިފުޅާ އެކީ ބިޕާޝާ ރާއްޖޭގައި

އިންޑިއާގެ ބަތަލާ ބިޕާޝާ ބާސޫ އާއި ފިރިމީހާ ކަރަން ސިންގް ގްރޯވާގެ އަލަތު ދަރިފުޅާ އެކީ ރާއްޖެ އަށް ޗުއްޓީ އަށް އަތުވެއްޖެ އެވެ.

މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 12 ގައި ލިބުނު ދަރިފުޅާ އެކީ އެ ދެ މީހުން ރާއްޖެ އައި ފުރަތަމަ ފަހަރެވެ. ނަމަވެސް މގެ ކުރިން އެތައް ފަހަރެއްގެ މަތިން ބިޕާޝާ އާއި ކަރަން ރާއްޖެ އަށް އައިސްފައިވެ އެވެ.

އެ މީހުން މި ފަހަރު ޗުއްޓީ ހޭދަކުރަމުން އަންނަނީ ރެޑިސަން ބްލޫ ރިސޯޓް މޯލްޑިވްސްގަ އެވެ. އެތަނުގައި ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް އިންސްޓަގްރާމްގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ.

ކައިވެނި ކުރި ފަހުން ބޮލީވުޑުން ގެއްލިފައިވާ ބިޕާޝާ، ކަރަންއާ ކައިވެނިކުރީ 2016 ގަ އެވެ. ކަރަން އަކީ ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދުމަށް ފަހު، ބޮލީވުޑަށް ނުކުތް އެކްޓަރެކެވެ. "ހޭޓް ސްޓޯރީ 3" އާއި "އެލޯން" ފަދަ ފިލްމުތައް ކުޅެފައިވާ އެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ ޖެނުއަރީ 25 ގައި ރިލީޒްކުރާ ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯންގެ "ފައިޓާ" އެވެ.

ދަރިފުޅާ އެކީ ބިޕާޝާ އާއި ކަރަން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އިރު، މިދިޔަ އޮގަސްޓް މަހު ބިޕާޝާ ވަނީ ދަރިފުޅު ދޭވީ އުފަންވި އިރު، ހިތުގައި ދެ ލޯވަޅު ހުރި ކަމަށާއި އެކަމާ ގުޅިގެން ސާޖަރީއެއް ހަދައި، ދަރިފުޅުގެ ހާލަތު ރަނގަޅު ކަމަށް ބުނެފަ އެވެ.