Last Updated: May 3, 11:05
Saturday, May 3, 2025
ޚަބަރު

ގަރާރު އޮތީ މަޖިލިސް ގަވައިދުގައި ބުނާ ގޮތަކަށް ނޫން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީން ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ ގަރާރު އޮތީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ބުނެ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެންބަރުން މަޖިލީހުގައި ނިޒާމީ ނުކުތާ ނަގަން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަލީ އާޒިމް ވަނީ ނިޒާމީ ނުކުތާ ނަންގަވާ މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލައިގައި ހުށަހަޅާފައިވަނީ މައްސަލައެއްތޯ، ކުއްލި މައްސަލައެއްތޯ ނުވަތަ ގަރާރެއްތޯ ސުވާލު އުފައްދަވާފައވެެ.

އެ ނިޒާމީ ނުކުތާއާ ގުޅިގެން ރިޔާސަތުގައި އިންނެވި މެންބަރު ހަސަން އަފީފް ވިދާޅުވީ މަޖިލީހުގެ އެޖެންޑާގައި އޮތީ ގަރާރެއް އެޖެންޑާ ކޮށްފައި އޮތް ވާހަކަ ކަމަށެވެ.

އެކަމާ ގުޅިގެން އަލީ އާޒިމް ދެވަނަ ފަހަރަށް ނިޒާމީ ނުކުތާ ނަންގަވާ ވިދާޅުވީ ގަރާރެއްގެ ވަކި ސިފަތަކެއް ހުންނަންޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ކަމަށެވެ. އަދި މިހާރު ހުށަހަޅާފައިވާ ގަރާރުގައި އެ ސިފަތައް ނެތްކަމަށް ވިދާޅުވިއެވެ. އަދި މަޖިލީހަށް ގަރާރުގެ ގޮތުގައި ފޮނުވާފައިވަނީ ސިޓީއެއް ކަމަށް ތަކުރާރުކޮށް ޑިމޮކްރެޓްސްގެ މެންބަރުން އަންނަނީ ބުނަމުންނެވެ.

އޭގެފަހުން މަޖިލީހުގައި މެންބަރުން އަންނަނީ ފުލުފުލުގައި ނިޒާމީ ނުކުތާ ނަގަމުންނެވެ. އެގޮތުން އެމްޑީޕީގެ މެންބަރުން އަންނަނީ މި ގަރާރު އޮތީ ގަވައިދާ އެއްގޮތަށްކަމަށް ބުނެ ނިޒާމީ ނުކުތާނަގާ ވާހަކަ ދައްކަމުންނެވެ.