Last Updated: May 3, 10:52
Saturday, May 3, 2025
ޚަބަރު

"ގަރާރު" ގަވައިދާ ހިލާފު ކަމަށްބުނެ ބޭރުކޮށްލައިފި

މައްސަލަ ބޭރުކުރުމުން އެމްޑީޕީގެ މެންބަރުން އިހުތިޖާޖު ކުރަނީ-

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހުށަހަޅާފައިވާ ގަރާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ނޫންކަމަށްބުނެ އެ ގަވައިދު ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ޑިމޮކްރެޓްސްގެ މެންބަރުން ވަނީ ނިޒާމީ ނުކުތާ ނަގާ، މައްސަލައިގައި ހުށަހަޅާފައިވަނީ ގަރާރެއް ނޫންކަމަށް ބުނެ މަޖިލީހުގައި ވާހަކަ ދައްކާފައެވެ. އެގޮތުން މައިނޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވީ ގަރާރެއްގެ ވަކި ސިފަތަކެއް ހުންނަންޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ކަމަށެވެ. އަދި މިހާރު ހުށަހަޅާފައިވާ ގަރާރުގައި އެ ސިފަތައް ނެތްކަމަށް ވިދާޅުވިއެވެ. އަދި މަޖިލީހަށް ގަރާރުގެ ގޮތުގައި ފޮނުވާފައިވަނީ ސިޓީއެއް ކަމަށް ތަކުރާރުކޮށް ޑިމޮކްރެޓްސްގެ މެންބަރުން އަންނަނީ ބުނަމުންނެވެ.

ނިޒާމީ ނުކުތާގައި ގިނަ ވަގުތުތަކެއް ހޭދަކުރުމަށްފަހު ރިޔާސަތުގައި އިންނެވި ހަސަން އަފީފް ވިދާޅުވީ މަޖިލީހުން މީގެކުރިން ކަންކުރާ ގޮތަށް ބަލާއިރު، ސުޕްރީމް ކޯޓުން މިފަހުން ނިންމި ނިންމުމާއެކު ކަންތައްތަކެއް ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން ގަވައިދުގައި މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރިޔާސަތު ބަލަހައްޓާނީ ނައިބު ރައީސްކަމަށް ބަޔާންކުރާކަން ފާހަގަ ކުރައްވާ ހަސަން އަފީފް ވިދާޅުވީ އެކަން އެގޮތަށް އޮތްނަމަވެސް ސުޕްރީމް ކޯޓުން ނިންމީ އެގޮތަށް ނޫންކަމަށެވެ. އެހެންކަމުން މިއަދު ކުރިމަތިވި ކަންތަކުގައިވެސް ކުރިއަށް ގެންދެވެނީ ސުޕްރީމް ކޯޓުން ބުނެފައިވާގޮތަށް އެހެން ހުރިހާ މާއްދާތަކާ ގުޅިގެން ކަމަށް އަފީފް ވިދާޅުވިއެވެ.

"އެހެންވީމަ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި ނިޒާމީ މައްސަލަ އަޅުގަނޑު ބަލައިގެންފިން. މި ގަރާރު މިއޮތީ މަޖިލީހުގެ ގަވައިދާ އެއްގޮތަކަށް ނޫން ހުށަހެޅިފަ." ހަސަން އަފީފް ވިދާޅުވިއެވެ.

އެހެންކަމުން މައްސަލަ އަލުން ހުށަހެޅުމަށް ފުރުސަތުދީ މިހާރު ހުށަހަޅާފައިވާ މައްސަލަ ނިމުނީކަމަށް ރިޔާސަތުގައި އިންނަވާ ހަސަން އަފީފް ވަނީ އިއުލާނު ކުރައްވާފައެވެ.