ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވެންވީ ސަބަބެއް ނެތްކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށް ޖަލްސާ ފެށުމުން މައިނޯރިޓީ ލީޑަރު އަލީ އާޒިމް ނިޒާމީ ނުކުތާ ނަންގަވާ ވިދާޅުވީ ގަރާރެއްގެ ވަކި ސިފަތަކެއް ހުންނަންޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ކަމަށާއި މިހާރު ހުށަހަޅާފައިވާ ގަރާރުގައި އެ ސިފަތައް ނެތްކަމަށެވެ. އަދި މަޖިލީހަށް ގަރާރުގެ ގޮތުގައި ފޮނުވާފައިވަނީ ސިޓީއެއް ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.
މި މައްސަލައިގައި މަޖިލީހުގައި ދިޔަ ނިޒާމީ ނުކުތާގެ އޮއިވަރުގައި މެންބަރު އުޝާމް ވާހަކަ ދައްކަވަމުން ވިދާޅުވީ މަޖިލީހަށް ހުށަހަޅާ ޤަރާރުތަކުގެ ވާހަކަ ޤާނޫނުއަސާސީގައި ދެ ހާލަތެއްގައި ބަޔާންކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހުށަހަޅާ ގަރާރާއި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ގަރާރު ކަމަށެވެ.
އެއާ ހިލާފަށް މަޖިލީހުގެ ގަވައިދުގެ 167 ވަނަ މާއްދާގައި ބުނާ ގަރާރަކީ މަޖިލީހުން ކަމެއްގައި ދެކޭ ގޮތް ހާމަކުރުމަށް ހުށަހަޅާ ގަރާރު ކަމަށާއި އެ ގަރާރަށް ހިނގާނީ ބިލުގެ މައްޗަށް ހިނގާ އުސޫލު ކަމަށް އުޝާމް ވިދާޅުވިއެވެ.
އެހެންކަމުން ޤާނޫނުއަސާސީގައި ބުނާ ގަރާރާއި ގަވައިދުގެ 167 ވަނަ މާއްދާގައި ބުނާ ގަރާރަކީ މުޅިން ތަފާތު އިޖުރާއަތްތަކެއްގެ މަތިން ހިނގާނެ ދެ ގަރާރުކަން ސާފުވާކަމަށްވެސް އުޝާމް ވިދާޅުވިއެވެ.
"މިހާރު ހުށަހަޅާފައި އޮތް މައްސަލަ މަޖިލީހުގެ ގަވައިދުގެ ތެރެއިން ކުރިއަށް ނުގެންދެވޭނެ އެއްވެސް ސަބަބެއް އޮތްކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން." މެންބަރު އުޝާމް ވިދާޅުވިއެވެ.
މި މައްސަލައިގައި ނިޒާމީ ނުކުތާ ގިނަވެ އެންމެފަހުން ރިޔާސަތުގައި އިންނެވި މެންބަރު ހަސަން އަފީފް ވަނީ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހުށަހަޅާފައިވާ ގަރާރު މަޖިލިސް ގަވައިދާ ހިލާފު ކަމަށްބުނެ މިއަދު ޖަލްސާ ނިންމާލާފައެވެ.