ރައްޔިތުންގެ މަޖިލީހުގެ އިތުރު ޖަލްސާއެއް މިއަދު ބޭއްވުމަށް ތާވަލު ކޮށްފިއެވެ.
މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ 11:30 ގައެވެ. އެ ޖަލްސާގެ އެޖެންޑާގައި ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހުށަހަޅާފައިވާ ގަރާރެވެ.
މިއަދު ހެނދުނު އެ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުމުން ނިޒާމީ އޮއިވަރުގައި ގިނަ ވަގުތު ވަނީ ހޭދަވެގެން ގޮސްފައެވެ.
އެގޮތުން ނިޒާމީ ނުކުތާ ނަންގަވާ މައިނޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވީ ގަރާރެއްގެ ވަކި ސިފަތަކެއް ހުންނަންޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ކަމަށެވެ. އަދި މިހާރު ހުށަހަޅާފައިވާ ގަރާރުގައި އެ ސިފަތައް ނެތްކަމަށް ވިދާޅުވިއެވެ.
އެކަމުގައި ރިޔާސަތުގައި އިންނެވި މެންބަރު ހަސަން އަފީފް ނިންމެވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހުށަހަޅާފައިވާ ގަރާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ނޫންކަމަށެވެ. އަދި އެއަށްފަހު ހެނދުނު ބޭއްވި ޖަލްސާ އަފީފް ވަނީ ނިންމާލާފައެވެ.
އެ ޖަލްސާ އެގޮތަށް ނިންމާލުމުން އެމްޑީޕީގެ މެންބަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކޮށްފައެވެ.