ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހުށަހަޅާފައިވާ 'ގަރާރު' ރިޔާސަތުން ބޭރުކޮށްފައިވާތީ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށްބުނެ މަޖިލީހުގެ މިއަދަށް ތާވަލުކުރި ދެވަނަ ޖަލްސާވެސް ނިންމާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މިއަދު ހެނދުނު 09:30 ގައި ބޭއްވި ޖަލްސާ ނިންމާލީ އެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މެންބަރު ހަސަން އަފީފެވެ. އަފީފް ޖަލްސާ ނިންމަވާލެއްވީ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހުށަހަޅާފައިވާ ގަރާރަކީ މަޖިލިސް ގަވައިދާ ހިލާފު ހުށަހަޅާފައިވާ ގަރާރެއްކަން އިއުލާނު ކުރެއްވުމަށްފަހުއެވެ.
އޭގެފަހުން 11:30 އަށް އެޖެންޑާ ކުރި ޖަލްސާގެ ރިޔާސަތުގައި އިންނެވީ ނައިބުރައީސް އީވާ އަބްދުﷲއެވެ.
އީވާ ޖަލްސާ ފައްޓަވާ ވިދާޅުވީ 11:30 އަށް އެޖެންޑާކުރި ޖަލްސާގެ އެޖެންޑާގައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރަކީ، ނިޒާމީ ނުކުތާއަކާ ގުޅިގެން، ރިޔާސަތުން ބޭރުކުރައްވާފައިވާ ގަރާރެއްކަމަށެވެ.
މީގެއިތުރުން އީވާ ވިދާޅުވީ މި ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ގަރާރަކީ، ސުޕްރީމް ކޯޓުގެ ހުކުމަށް އަދި މަޖިލީހުގެ ގަވައިދަށް ރިއާޔަތްކޮށް ރިޔާސަތުން ބޭރުކޮށްފައިވާ ގަރާރަކަށް ވާތީ، އެ ގަރާރު އިތުރަށް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އެހެންވިދާޅުވެ އިވާ ވަނީ މިއަދުގެ ޖަލްސާ ނިންމަވާލައްވާފައެވެ.
އިވާގެ މި ނިންމެވުމާ ގުޅިގެން މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ވަނީ އަޑުގަދަކޮށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.