Last Updated: May 3, 10:52
Saturday, May 3, 2025
ޚަބަރު

އަފީފް އިމްތިޔާޒަށް އެރި މައްސަލަ ބަލަނީ

މެންބަރު ހަސަން އަފީފް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވި މެންބަރު ހަސަން އަފީފް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒަށް އެރިކަމަށް ބުނެ މައްސަލަ ބެލުމަށް ކޮމިޓީއަށް އެޖެންޑާ ކޮށްފިއެވެ.

މި މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް އެޖެންޑާ ކޮށްފައިވަނީ މިއަދު 12:00 އަށެވެ.

އެ ކޮމިޓީގެ އެޖެންޑާގައި ވަނީ، މިއަދު ކުރިއަށްދިޔަ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުގައި އިންނެވި މެންބަރު އަފީފް މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒަށް އަރައިގެންފައިވާކަމަށް ބެލެވޭތީ އެމައްސަލައާމެދު މަޝްވަރާކޮށް ގޮތެއް ނިންމުމެވެ.

މިއަދު ހެނދުނު ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުމުން ނިޒާމީ އޮއިވަރުގައި ގިނަ ވަގުތު ވަނީ ހޭދަވެގެން ގޮސްފައެވެ. އެގޮތުން ނިޒާމީ ނުކުތާ ނަންގަވާ މައިނޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވީ ގަރާރެއްގެ ވަކި ސިފަތަކެއް ހުންނަންޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ކަމަށެވެ. އަދި މިހާރު ހުށަހަޅާފައިވާ ގަރާރުގައި އެ ސިފަތައް ނެތްކަމަށް ވިދާޅުވިއެވެ.

އެކަމުގައި ރިޔާސަތުގައި އިންނެވި މެންބަރު ހަސަން އަފީފް ނިންމެވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހުށަހަޅާފައިވާ ގަރާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ނޫންކަމަށެވެ. އަދި އެއަށްފަހު ހެނދުނު ބޭއްވި ޖަލްސާ އަފީފް ވަނީ ނިންމާލާފައެވެ.