Last Updated: June 14, 18:18
Sunday, June 14, 2026
ޚަބަރު

ފަލަސްތީނަށް އެހީވާން ފުނަދޫން 300،000ރ.

ފަލަސްތީނަށް އެހީވާން ށ. ފުނަދޫން 300،000 އަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި އެވެ.

މި ފައިސާ ހަވާލުކޮށްފައި ވަނީ އެ ގައުމަށް އެހީވުމުގެ މަސައްކަތް ކުރަމުން އަންނަ ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ ހިދުމަތާ އެވެ. އެގޮތުން ފުނަދޫން ހަދިޔާކުރި ފައިސާގެ ޖުމްލަ އަކީ 300226.02ރ. އެވެ.

ހިދުމަތަށް އެކި ފަރާތްތަކުން ފައިސާ ހަވާލުކުރަމުން އަންނަ އިރު، ފަލަސްތީނަށް އެހީވާން ދިވެހިން ފައިސާ ފޯރުކޮށްދޭ ޖަމާއަތްތަކުގެ ތެރޭގައި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އާއި ދިވެހި ރެޑް ކްރެސެންޓް ހިމެނެ އެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުން ތަފާތު ފަންޑް ރެއިޒިން ޕްރޮގްރާމްތައް ހިންގައި، ހުއްޓުމެއް ނެތި އަންނަނީ ފައިސާ ހަދިޔާކުރަމުންނެވެ.

މި ފައިސާ އިން ފަލަސްތީނުގެ ރައްޔިތުންނަށް ނަގުދު ފައިސާ ބެހުމުގެ އިތުރަށް، އެ މީހުންނަށް މި ވަގުތު އެންމެ ބޭނުންވާ އަސާސީ ތަކެތި ފޯރުކޮށްދޭން އަންނަނީ ބޭނުން ކުރަމުންނެވެ.

މިދިޔަ މަހުގެ 7 އިން ފެށިގެން އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ފަލަސްތީނުގެ 11،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވެ އެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.