Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

އަލް ޝިފާ ހޮސްޕިޓަލުގެ އޮޕަރޭޝަންތައް ހުއްޓުމަކަށް

ފަލަސްތީނުގެ ގާޒާގެ އެންމެ ބޮޑު ހޮސްޕިޓަލުގެ އޮޕަރޭޝަނުގެ ހިދުމަތް ހުއްޓުމަކަށް އަތުވެއްޖެ އެވެ.

ގާޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ، އަލް ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. މުހައްމަދު އަބޫ ސަލްމިއްޔާ ވިދާޅުވީ ހޮސްޕިޓަލުގެ އޮޕަރޭޝަންގެ ހިދުމަތް ހުއްޓުމަކަށް އައިސްފައިވަނީ ކަރަންޓު ނެތުމާ ގުޅިގެން ކަމަށެވެ. ގާޒާގެ ހޮސްޕިޓަލުތަކަށް ކަރަންޓް ފޯރުކޮށްދޭ ޖެނޭޓަރުތަކަށް ތެޔޮ ބޭނުންވާއިރު އިޒްރޭލުން ވަނީ ގާޒާ އަށް ތެޔޮ އެތެރެކުރުން މަނާކޮށްފަ އެވެ.

"އޮޕަރޭޝަނެއް ކުރަންޖެހޭ މީހަކު ހުރެއްޖެނަމަ ދެން ވާނީ މަރު. އަހަރުމެންނަށް ކުރެވޭނެ އެއްވެސް ކަމެއް މިހާރަކު ނެތް،" އޭނާ ވިދާޅުވި އެވެ.

އަބޫ ސަލްމިއްޔާ ވިދާޅުވީ ހޮސްޕިޓަލުގެ މުވައްޒަފުން މިހާރު އެންމެ އިސްކަމެއް ދީގެން ކުރާ ކަމަކީ އަލަށް ވިހާފައިވާ ތުއްތު ކުދިންގެ ފުރާނަ ސަލާމަތް ކުރުމުގެ މަސައްކަތް ކަމަށެވެ. ނަމަވެސް އޮކްސިޖެން ހުސްވެ އިންކިޔުބޭޓަރުތަކުން އެ ކުދިން ނެގުމާ ގުޅިގެން އޭގެ ނުރަނގަޅު އަސަރު އެ ކުދިންނަށް ވެސް ކުރަމުންދާ ކަމަށާއި ފާއިތުވި ދުވަސްތަކުގައި އޭގެތެރެއިން ބައެއް ކުދިން މަރުވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ އަލް ޝިފާ ހޮސްޕިޓަލަށް ކަރަންޓާއި ފެނާއި އިންޓަނެޓް ނުލިބި ތިން ދުވަސް ވެފައިވާ ކަމަށާއި މިހާރު އެތަން ހޮސްޕިޓަލެއްގެ ގޮތުގައި ހިންގޭނެ ގޮތެއް ނެތް ކަމަށް ބުނެފަ އެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާތައް ދެމުން އަންނަތާ މަހެއް ވެފައިވާއިރު މި ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 11،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. މީގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.