Last Updated: June 14, 18:18
Sunday, June 14, 2026
ޚަބަރު

ޓްރާންސްޕޯޓްގެ ހިދުމަތްތައް މިހާރު އޮންލައިންކޮށް

ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ހިދުމަތްތަކެއް އޮންލައިންކޮށް ހޯދޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

އިއްޔެ އަލަށް ތައާރަފްކުރި "ޓްރާންސްޕޯޓް އޮންލައިން" މެދުވެރިކޮށް މިނިސްޓްރީގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި އެއްގަމާއި ކަނޑު އުޅަނދުތަކުގެ ރަޖިސްޓްރީއާ ގުޅޭ ހުރިޙާ ހިދުމަތެއް ވެސް ހިމެނެ އެވެ.

"ޓްރާންސްޕޯޓް އޮންލައިން" ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ ފެށިގެން ދިޔަ ހިދުމަތަކީ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށެވެ.

"ދުނިޔޭގެ ހުރިހާ ދިމާލެއްގައި މިހާރު ކުރިއަރައިގެން ނުވަތަ ކުރިއަރަމުންދާ ކަމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޑިޖިޓަލް ދުނިޔެއަކާ ދިމާއަށް ދިޔުން،" އޭނަ ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގެ އެކި އެކި މުއައްސަސާތަކުން އެކި އެކި އިދާރާތަކުން ކުރާ އެންމެ ބޮޑު މަސައްކަތަކީ އެއީ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ."