Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

ފުރަތަމަ ދުވަހު "ޓައިގާ 3" އަށް 9 މިލިއަން ޑޮލަރު

އިއްޔެ ސިނަމާތަކަށް ގެނައި ސަލްމާން ޚާންގެ "ޓައިގާ 3" އަށް ފުރަތަމަ ދުވަހުގެ އާމްދަނީގެ ގޮތުގައި ޖުމްލަ 9 މިލިއަން ޑޮލަރު ލިބިއްޖެ އެވެ.

މިއީ އިންޑިއާ އާއި އެ ގައުމުން ބޭރުގެ މާކެޓްތަކުން ލިބުނު ޖުމްލަ އާމްދަނީ އެވެ. އިންޑިއާ އިން އެކަނި "ޓައިގާ 3" ގެ ފުރަތަމަ ދުވަހުގެ އާމްދަނީ އަކީ 43 ކްރޯޑް ރުޕީސް (5.2 މިލިއަން ޑޮލަރު) އެވެ. ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ސްޕައި ޔުނިވާސްގެ މި ފިލްމު ހަދާފައި ވަނީ 300 ކްރޯޑް ރުޕީސް (36 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

ފިލްމީ ޚަބަރުތައް ދިރާސާކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި "ޓައިގާ 3" އާންމުންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބަށް ބަލާ އިރު، މި ފިލްމަކީ އެންމެ މަދުވެވެގެން ވެސް ބޮކްސް އޮފީހުގައި 500 ކްރޯޑް ރުޕީސް (60 މިލިއަން ޑޮލަރު) އަށް ވުރެ ދަށް ނޫން އާމްދަނީއެއް ހޯދާނެ އެއްޗެކެވެ.

މި ފިލްމަށް އެ ޕްރެޝަރު ވެސް އެބައޮތެވެ. ސަބަބަކީ ސްޕައި ޔުނިވާސްގެ ދަށުން އެންމެ ފަހުން ގެނެސްދިން ފިލްމު ކަމަށްވާ ޝާހްރުކް ޚާން "ޕަތާން" އަކީ 1050.30 ކްރޯޑް ރުޕީސް (130 މިލިއަން ޑޮލަރު) ހޯދި ފިލްމަކަށްވުމެވެ. ޖެނުއަރީގައި ގެނެސްދިން އެ ފިލްމު ހެދީ 225 ކްރޯޑް ރުޕީސް (28 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

"ޓައިގާ 3" އަކީ ސަލްމާނާއި ކެޓްރީނާ ކެޓްރީނާ ކައިފް ކުޅެމުން އަންނަ ޓައިގާ ފްރެންޗައިޒްގެ ތިން ވަނަ ބައެވެ. މީގެ ޑައިރެކްޓަރަކީ މަނީޝް ޝަރުމާ އެވެ. މި ފަހަރު ފިލްމުގެ ވިލަން އަކީ އިމްރާން ހާޝިމީ އެވެ.


"ޓައިގާ 3" ގެ ރިވިއުތަކަށް ބަލާ އިރު، ފިލްމުގެ އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ގިނަ ކްރިޓިކުން ފާހަގަކޮށްފައި ވަނީ ވަރުފަދަ އެކްޝަން މަންޒަރުތަކެއް ހުރުމެވެ. އަދި މީގައި ހިމެނޭ ޝާހްރުކާއި ރިތިކް ރޯޝަންގެ ކެމިއޯތަކަކީ ފިލްމުގެ ހާއްސަ އުސްއަލިތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.