Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

ބަޖެޓް ހުށަހަޅަން ބޭއްވި ޖަލްސާގެ ކޯރަމް ހަމައެއްނުވި

ރައްޔިތުންގެ މަޖިލީހުގެ ތަޅުން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބަޖެޓް ހުށަހެޅުމަށް މިއަދު އެޖެންޑާކުރި ޖަލްސާއަށް ކޯރަމް ހަމައެއް ނުވިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ދެ ޖަލްސާއެއް ބޭއްވުމަށް ވަނީ ތާވަަލުކޮށްފައެވެ. އެގޮތުން ހެނދުނު 09:00 އަށް ތާވަލުކޮށްފައިވާ ޖަލްސާގެ އެޖެންޑާގައިވަނީ މިއަހަރަށް ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުމެވެ.

ޖަލްސާއަށް ކޯރަމް ހަމަނުވުމުން ނުފެށި އޮތްއިރު ބަޖެޓް ހުށަހެޅުއްވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ހާޒިރުވެފައެއް ނުވެއެވެ.

ރިޔާސަތުގައި އިންނެވި ނައިބުރައީސް އީވާ އަބްދުﷲ ވިދާޅުވީ އެމްޑީޕީގެ މެންބަރުން ކޯރަމް ހަމަނުކޮށްދީ މަޖިލީހުގެ ކުޑަދޮށުގައި ތިބި ކަމަށާއި އެެހެންކަމުން މަޖިލިސް ބޭއްވޭތޯ ކުރެވެންހުރި މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

ބަޖެޓް ހުށަހެޅުމުގެ ޖަލްސާގެ އިތުރުން މިއަދު 11:00 ގައި ވެސް މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ވަނީ ތާވަލު ކޮށްފައެވެ. އެ ޖަލްސާގެ އެޖެންޑާގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރެވެ.